ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެންޖެހޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށާއި ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހުރުމަކީ އޭގެ ސަބަބެއް ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިޔާޒީ ވިދާޅުވީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 22 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ހަވާލާ ދެެއްވައި އޭނާ ވިދާޅުވީ ޓެކްސް ނުދެއްކުން އިތުރުވާ އެއް ސަބަކީ ދައުލަތުން ހަވާލުކުރާ އެކިއެކި މަސައްކަތްތައް ކުރާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ އޮތުމެވެ. 

"ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ދައުލަތުގެ ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި ބިލުތަކުގެ އަދަދު އެއީ ހަތް ބިލިއަނާ ގާތްކުރާ އަދަދެއް. ދެން އަޅުގަނޑުމެން  ވެސް ސާފުކުރިން ނުދެއްކި ހުރި  ބިލުތައް ދައްކަން ބަޖެޓްކުރެވިފައި ވާނެތޯ. އެ ބޭފުޅުން ވިދާޅުވީ އެ ބައެއް ނެތޭ ހިމަނާފައެއް،" ނިޔާޒީ ވިދާޅުވި އެވެ. 

ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ ސަރުކާރުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް ނުދައްކާ އޮތްއިރު އެ ބިލުތަކަށް ދައްކާނެ ފައިސާ ހޯދަން އަންނަ އަހަރުގެ ބަޖެޓްގައި ވެސް ހިމަނާފައި ނެތް ކަމަށެވެ. އެހެންވެ އެ ފައިސާ ދައްކާނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން ހޯދުން ވަރަށް މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ޕްރައިވެޓް ސެކްޓާއަށް މީގެ ތެރެއިން ދައްކަން ޖެހޭ ފައިސާ ވެސް އެބަހުރި. ދެން ޓެކްސް ކޮމްޕްލަޔަންސް ދަށްްވުމުގެ އެއް ކަމެއްގެ ގޮތުގައި މީރާއިން ވެސް ފާހަގަކުރައްވާފައި އޮތީ ޕްރައިވެޓް ސެެކްޓާއަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ އޮތުމުން އެ ދިމާވާ ދަތިތައް،" ނިޔާޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާ ދައްކާނެ ގޮތްތަކެއް ހުށަހަޅާފައިވާ ވިޔަސް އެ ފައިސާ ދައްކާނެ ގޮތެއް މެންބަރުން ސަރުކާރުގެ ފަރާތުން ހޯއްދެވުމަކީ މުހިއްމު ކަމެކެވެ.

ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް ހަތްބިލިއަނަށް އަރާފައި ވާއިރު ދައުލަތުގެ އިދާރާއަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ، ދައްކަންޖެހޭ ޓެކުހުން އެ ފައިސާ ކެނޑޭނެ އިންތިޒާމް މިމަހުގެ ފުރަތަމަ ދުވަހު ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

ފިނޭންސް މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާ މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅާކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް އެކަން ހުށަހެޅުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅާކަނޑައިދޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ۔

މި އިންތިޒާމުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުދައްކާ ހުރި ބިލްތަކަށް ހާއްސަ އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން:

  • އެ ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށް ވުރެ ބޮޑުވާނަމަ، ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ފައިސާ އަޅައިކެނޑުމަށްފަހު، ބާކީ އަދަދު ޓެކްސްގެ ގޮތުގައި އެ ފަރާތުން މީރާއަށް ދައްކަންޖެހޭނެ.
  • މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށް ވުރެ ކުޑަވާނަމަ، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށްފަހު، ބާކީވާ އަދަދު ސަރުކާރުން އެ ފަރާތަށް ދައްކާނެ.

މީރާއަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ތަފްސީލާއެކު އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.