އަތޮޅު ކައުންސިލްތައް އުވާލާފައިވަނިކޮށް، އަތޮޅުގެ ތަރައްގީއަށް ހުރިހާ ރަށެއް ބައިވެރިވެގެން މަސައްކަތް ކުރަން ހާއްސަ ބޯޑެއް އެކުލަވާލަން ހދ. އަތޮޅުގެ ރަށްތަކުން ފެށި މަސައްކަތް ހުއްޓާލަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
އެލްޖީއޭ އިން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ އަތޮޅު ކައުންސިލްތައް އުވާލައި އެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް އެލްޖީއޭއާ ހަވާލުކޮށްފައިވާއިރު މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ އޮތޯރިޓީ މަސްއޫލިއްޔަތެއް ކަމަށެވެ.
އެހެންވެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ބޯޑެއް އެކުލަވާލުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އެލްޖީއޭ އިން ބުންޏެވެ. އަދި އެގޮތަށް މަސައްކަތް ކުރުން، އަތޮޅު ކައުންސިލްތައް އުވާލުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ މަހުފޫމާ ފުށުއަރާ ކަމަށް ވެސް އެ އޮތޯރިޓީން ދެކެ އެވެ.
އެލްޖީއޭ އިން އަންގާފައިވަނީ އެ ބޯޑު އެކުލަވާލަން ރަށްތަކުން ކުރަން ފެށި މަސައްކަތް ހުއްޓާލުމަށާއި އަދި އެ ނިންމުމަށް ވާސިލުވި ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދިނުމަށެވެ.
ހދ. އަތޮޅުގެ ރަށްތައް ޝާމިލުވާ ގޮތަށް ބޯޑެއް އެކުލަވާލަން އިސް ނެންގެވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. އެކަމަށް ތާއިދު ހޯއްދެވުމަށް މޭޔަރު ވަނީ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާ އެކު ބައްދަލުވުމެއް ބޭއްވި އެވެ.
އެލްޖީއޭގެ ސިޓީއާ ގުޅިގެން މޭޔަރު އާތިފް ވިދާޅުވީ ބޯޑެއް އެކުލަވާލަން މަސައްކަތް ކުރަނީ އަތޮޅު ކައުންސިލުން ނުވަތަ އެލްޖީއޭ އިން ދޭ ހިދުމަތްތައް ދޭން ނޫން ކަމަށާއި އެއީ ރަށްތައް ގުޅިގެން އަތޮޅުގެ ތަރައްގީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނޭ މަސައްކަތްތައް ބަލައި، އެކަންކަމުން ނަތީޖާއެއް ހޯދުމަށް ފެށި މަސައްކަތެއް ކަމަށެވެ.
"މިކަން ހުއްޓާލުމަށް އެލްޖީއޭ އިން އަންގާއިރު އެލްޖީއޭ އިން ކައުންސިލްތަކުގެ ޕާފޯމެންސް ވަޒަންކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަަޅުއްވައި މާކުސް ދޭގޮތަށް އެބައޮވޭ، މި ސިޓީގައި މި ދަންނަވަނީ އެ ބޭފުޅުންގެ އަމިއްލަ އުސޫލުތަކާ ވެސް ހިލާފު ވާހަކަފުޅެއް،" މޭޔަރު ވިދާޅުވި އެވެެ.
އާތިފް ވިދާޅުވި ގޮތުގައި އެހެން ދައްކާ ބިރަކަށް ފަހަތަކަށް ނުޖެއްސޭނެ އެވެ. އަދި ސަރަހައްދުގެ ރައްޔިތުންގެ ހަައްގުގައި ކުރާ މަސައްކަތެއް ނުހުއްޓުވޭނެ ކަމަށް ވިދާޅުވި އެވެ.
ހދ. އަތޮޅުގައި މި ވަގުތު މީހުން ދިރިއުޅޭ 12 ރަށް އޮތްއިރު، މޭޔަރު އިސްވެ ބޭއްވި ބައްދަލުވުމުގައި އެ އަތޮޅު ހަނިމާދޫ އަދި މަކުނުދޫ ފިޔަވައި އެހެން ރަށްރަށުގެ ކައުންސިލުގެ ރައީސުން ބައިވެރިވެ ވަޑައިގަތެވެ. އެ ބައްދަލުވުމުގެ ބައިވެރިން ވަނީ މޭޔަރުގެ ހުށަހެޅުމަށް ތާއިދު ކުރައްވައިފަ އެވެ.
އަތޮޅުގެ ރަށްތައް ޝާމިލުވާ ގޮތަށް ބޯޑެއް އުފައްދަން ހދ. އަތޮޅުން ނިންމާފައިވާއިރު، ސަރުކާރުން ވަނީ ގާނޫނަށް ބަދަލު ގެނެސް އަތޮޅު ކައުންސިލްތައް އުވާލައިފަ އެވެ. އެ ކައުންސިލްތައް އުވާލިއިރު އެ ތަންތަން ހިންގަމުން ދިޔައީ ކައުންސިލްތަކުގެ ރައީސުން ހިމެނޭ ކައުންސިލަކުންނެވެ.
އަތޮޅުގެ ކައުންސިލްތައް އުވާލުމަކީ އަތޮޅުގެ ތަރައްގީއަށް ރަށްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ހުރަސް އެޅި، ލާމަރުކަޒީ ނިޒާމު ވަރަށް ބޮޑަށް ހީނަރުވެގެންދާ ކަމެއް ކަމަށް ވިދާޅުވެ މޭޔަރު އާތިފް ވަރަށް ބޮޑަށް އެ ނިންމުމަށް ފާޑުވިދާޅުވެފައިވެ އެވެ.