ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި ފަހުން މުޅިން ވެސް އައްޑޫ ބަހުރުވަރިން ވާހަކަދައްކަވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)، އެ ބަހުރުވައިން ސުވާލު ކުރެއްވުމުން ސުވާލު ސާފު ނުވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ދެވަނަ ފަހަރަށް ވިދާޅުވުމުން ސޯބެ މިއަދު  ގޮތް ދޫކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ސޯބެ އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން ސުވާލު އެނގިވަޑައިނުގަންނަވާ ކަމަށް ގީލާ ފުރަތަމަ ވިދާޅުވި ދުވަހު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާއަށް ފާޑުކި އެވެ.

މިއަދުގެ ޖަލްސާގައި ވެސް ސޯބެ އައްޑޫ ބަހުރުވައިން ސުވާލުކުރެއްވުމުން ގީލާ މިއަދު ވެސް އެދިވަޑައިގެންނެވީ "ސާފު ވާނެ ގޮތަކަށް" ސުވާލު ކުރެއްވުމަށެވެ.  ގީލާއާ އެކު ވަަޑައިގެން ތިއްބެވި ހެލްތު މިނިސްޓްރީގެ ޓީމުގެ ފަރާތުން ސުވާލު ކޮންމެވެސް ވަރަކަށް ސާފު ވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ގީލާ އަލީ، މިއަދު މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް
ހެލްތު މިނިސްޓަރު ގީލާ އަލީ، މިއަދު މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް

"އަޅުގަނޑު އެދެނީ އަޅުގަނޑަށް ހަމަ ފުރިހަމަ އަށް ސާފުވާނެ ގޮތަކަށް އިއްޒަތްތެރި މެންބަރު އެ ސުވާލު އެގޮތަށް ކުރެއްވުން. އެހެންނޫނީ އަަޅުގަނޑަށް ޖަވާބުދިނުމުގައި ކޮންމެވެސް ކަހަލަ ދަތިތަކެއް ހުރެދާނެތީ އެ ވާހަކަ އިއްޒަތްތެރި ރައީސަށް ދަންނަވަން،" ގީލާ ވިދާޅުވި އެވެ.

އޭނާ އެގޮތަށް އެދިވަޑައިގެންނެވުމުން ދެވަަނަ ފަހަރަށް ސުވާލު ކުރެއްވުމަށް ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ސޯބެ އަށް ފުރުސަތު ދެއްވި އެވެ.

އެ ފުރުސަތުގައި ރަސްމީ ބަހުރުވައިން ސުވާލު ކުރައްވަމުން ވަޑައިގެން ވަކި ހިސާބަކުން އައްޑޫ ބަހުރުވައަށް ބަދަލު ކުރެއްވި އެވެ. 

"އަސްލު އެހެން ވާނޭ، މާލެއަށް އައިސް މާލޭ ބަސް ދަސްކުރަމުން މިދަނީ،" ދެވަނަ ފަހަރަށް އައްޑޫ ބަހުރުވައަށް ބަދަލުވުމުން މަޖިލީހުގެ ބައެއް މެންބަރުން އެކަން ފާހަގަކުރެއްވުމާ އެކު ސޯބެ ވިދާޅުވި އެވެ.

ސޯބެ އައްޑޫ ބަހުރުވައިން ސުވާލުުކުރެއްވި ފުރަތަމަ ދުވަހު އެ ސުވާލު ސާފުނުވާ ކަމަށް ގީލާ ވިދާޅުވުމުން ފާޑުކީ ބައެއް މީހުން ބުނީ ދިވެހި ބަހުގެ ކޮންމެ ބަހުރުވައަކުން ސުވާލުކުރިޔަސް މިނިސްޓަރު ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. 

"ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ކޮންމެ ރަށަކަށް ނިސްބަތް ވިޔަސް، ދިވެހިބަހުގެ ކޮންމެ ބަހުރުވަޔަކުން މުހާތަބު ކުރެއްވިޔަސް ޖަވާބުދާރީ ވާންޖެހޭނެ. އައްޑޫބަހުން މެމްބަރަކު ސުވާލު ކުރެއްވުމުން އެއީ މާ މަޖާ ކަމަކަށްވެ، ސުވާލު ކުރެއްވި މެމްބަރަށް ރައްދުވާ ގޮތަށް ދެއްވި ޖަވާބަކީ އައްޑޫ ހުރިހާ ރައްޔިތުންނަށް ކުރެއްވި މަލާމާތެއް. މިގޮތަށް ޢަމަލު ނުކުރައްވާ،" ޖޫން 23 ގައި ބޭއްވި ޖަލްސާއަށް ފަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ އެ ވާހަކައަށް ރައްދު ދިން ބައެއް މީހުން ބުނީ އެންމެނަށް ހުރިހާ ބަހުރުވައެއް ނޭނނގޭނެ ކަމަށާއި ޖަވާބު ދެވޭނީ އެނގޭ ބަހުރުވައަކުން ސުވާލުކުރުމުން ކަމަށެވެ. 

އައްޑޫ ބަހުރުއަކީ ދިވެހި ބަސް ނޫނެކޭ މީހަކު ނުބުނާ ކަމަށާއި ވަޒީރުކަން ކުރާ ކޮންމެ މީހަކަށް ހުރިހާ ބަހުރުވައެއް އެނގެން ނުޖޭހެނެ ކަމަށް ވެސް ޝާހިދަށް ރައްދު ދިން އެކަކު ބުންޏެވެ.