ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި އެކަނިމާއެކަނި ދިރިއުޅެމުން ދިޔަ އުމުރުން ދުވަސްވީ ފިރިހެން މީހާއަށް އިހުމާލުވި ދަރިންގެ މައްސަލަ ބަލަން ކަމާބެހޭ އިދާރާތަކަށް ހުށަހެޅިތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޖެންޑާ މިނިސްޓަރު ގީލާ އަލީއަށް ސިޓީ ފޮނުއްވައިފި އެވެ. 

ނިކަމެތި ހާލުގައި އެކަނި ދިރިއުޅޭތާ އެތައް އަހަރެއް ފަހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 70 އަހަރަށް ވުރެ މަތިވެފައިވާ މީހެކެވެ. އަދި އެ ރަށުން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި އެމީހާގެ ބޮޑެތިވެފައި ތިބި ދެ ދަރިން ތިބި ނަމަވެސް، އެ ދަރިންގެ އަޅާލުމެއް އެމީހާއަކަށް ނުލިބެ އެވެ. 

އެކަމާ ގުޅިގެން މިނިސްޓަރަށް މެމްބަރު ފޮނުއްވި ސިޓީގައި ސާފުކުރަން އެދިވަޑައިގެންފައިވަނީ އާއިލާއާ ބެހޭ ގާނޫނުގެ ދަށުން މައިންބަފައިންނަށް އަޅާނުލާ ދަރިންގެ މައްްސަލަ މިނިސްޓްރީން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވޭތޯ އެވެ. 

އެ ސިޓީގައިވާ ގޮތުން އުމުރުން ދުވަސްވީ މީހާ ދެ އަހަރު ވަންދެން ނިކަމެތި ހާލުގައި އުޅެންޖެހުނީ އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔުން ލަސްވުމުގެ ސަބަބުންނެވެ. އަދި އެކަން އެހެން ދިމާވީ އެނގިފައިވާ ގޮތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޖާގަ ނެތުމުންނެވެ. 

އެހެންވެ، ކުޑޫ ވަނީ ގުރައިދޫ މަރުކަޒުގައި ޖާގަ ނެތް ކަމަށް ބުނެ އެކަނިވެރި މީހަކު ނިކަމެތިކޮށް ދޫކޮށްލުމަކީ ދައުލަތުގެ އިހުމާލެއްތޯ ސުވާލުކުރައްވައިފަ އެވެ. އަދި އެފަދަ މަރުކަޒުތަކުގެ ޖާގަ އިތުރުކުރަން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލަށް ކުޑޫ އެދިވަޑައިގެންނެވި އެވެ. 

މަރުކަޒުތަކުން ޖާގަ ނުލިބޭ ހާލަތްތަކުގައި ރަށު ފެންވަރުގައި ވަގުތީ އެހީތެރިއަކު ހަމަޖައްސައިދީގެން ބެލެހެއްޓޭނެ އުސޫލެއް ނިޒާމުގެ ތެރޭގައި ނެތީ ކީއްވެތޯ ވެސް އެ ސިޓީގައި މެންބަރު ސުވާލު އުފެއްދެވި އެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދާއިމީކޮށް އެހީތެރިކަން ދޭނެ ގައުމީ ނިޒާމެއް ގާއިމުކުރުން ލަސްވަނީ ކީއްވެތޯ ވެސް ސާފުކުރަން އެ ސިޓީގައި އެދިފައިވެ އެވެ.

ނިކަމެތި ހާލުގައި އެކަނި އުޅެމުންދިޔަ މީހާގެ ކަންކަން މިހާތަނަށް ބަލަހައްޓަމުން ދިޔައީ ފަރެސްމާތޮޑާ ކައުންސިލުންނާއި ފުލުހުންނެވެ. އަދި އެ މީހާ އުޅެމުން އައި ނިކަމެތި ހާލުގެ ސަބަބުން އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން އެދުނީ ވެސް އެ ދެ އިދާރާއިންނެވެ.