ގދ. ފަރެސްމާތޮޑާގައި ވަރަށް ނިކަމެތި ހާލުގައި އެކަނިމާއެކަނި ދިރިއުޅެމުން އައި ދުވަސްވީ ފިރިހެނަކު ބެލެހެއްޓުމާ ދައުލަތުން ހަވާލުވެއްޖެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި 70 އަހަރުން މައްޗަށް ގޮސްފައިވާ ކަމަށް ބެލެވޭ އެ މީހާގެ ގާތްތިމާގެ މީހުންގެ ރަށުގައި ދިރިއުޅެ އެވެ. އަދި ބޮޑު ދެ ދަރިން ވެސް ހުރެ އެވެ. އެކަމަކު ދަރިންނަކީ އެ ރަށުގައި ދިރިއުޅޭ ބައެއް ނޫނެވެ.
"އެއްބަނޑު އެއްބަފާ މީހުން އެބަ އުޅޭ. ދެ ދަރިން ވެސް ތިބޭ. ރަށުގައި ނޫޅޭ ދެ ދަރިން. މީހުންނާ އިނދެގެން އުޅޭ ބޮޑު ދެ ދަރިން ހަމަ. އެއް ދަރި އަޅުގަނޑަށް ކޮންމެވެސް ވަރަކަށް އެނގޭ. އެކަމަކު އެމީހުން ވެސް އެހާ ފުދިގެން އުޅޭ ބައެއް ނޫން،" އޭނާގެ ހާލަތު އެނގޭ މީހަކު ކިޔައިދިނެވެ.
އޭނާ ކިޔައިދިން ގޮތުގައި އެ މީހާ ރަށުގައި އެކަނިމާއެކަނި އުޅެމުން އަންނަތާ ގާތްގަނޑަކަށް 15 އަހަރު ވެދާނެ އެވެ. އަދި ކުރިން އަމިއްލައަށް ދިރިއުޅެމުން އައި ނަމަވެސް އެ މީހާގެ ބަލި ހާލަތު މީގެ ފަސް ވަރަކަށް އަހަރު ކުރިން ގޯސްވެ އެކަނި ނޫޅެވޭ ވަރުވީ ކަމަށް އޭނާ ބުންޏެވެ.
އޭނާގެ ލޮލަށް ޖެހުނު ބައްޔެއްގައި އެއް ލޮލުގެ ފެނުން ގެއްލިފައި ވާއިރު އަނެއް ލޮލަށް ވެސް ފެންނަނީ ކުޑަކޮށެވެ. އެހެންވެ، އަމިއްލައަށް ގައިން ތާހިރުވާން ވެސް އެ މީހާއަށް ވަނީ އުނދަގޫވެފަ އެވެ.
"ހަތަރު ފަސް ވަރަކަށް އަހަރު މި ވީ އެ މީހާ ބަލިކޮށް އުޅޭތާ. އެއް ލޮލަށް ޖެހުނު ބައްޔެއްގައި އެ ލޮލަށް ނުފެނޭ. އަނެއް ލޯ ވެސް ތަންކޮޅެއް ފުސްކޮށް ފެންނަނީ މުސްކުޅިވީމާ،"
އެނގިފައިވާ ގޮތުގައި އޭނާގެ ދަރިން ވެސް ރަށަށް ގޮސް އުޅެނީ ވަރަށް މަދުންނެވެ. އެކަމަކު މީގެ ކުރިން އޭނާގެ އަންހެން ދަރިފުޅު ރަށުގައި ދިރިއުޅުނުއިރު އޭނާގެ ގާތުގައި ބައްޕަ ގެންގުޅުނު ކަމަށާއި ޖެހުނު މައްސަލައެއްގައި އެ މީހާ ގެއިން ނެރެލީ ކަމަށް ބުނެފައިވާ ކަމަށް އެ މީހާ ބުންޏެވެ.
އޭނާ ބުނީ އެ މީހާ އަކީ އަމިއްލަ ގެއެއް ހުންނަ މީހެއް ނޫން ކަމަށާއި އޭނާ ދިރިއުޅެމުން އައީ މީހެއްގެ ގެއެއްގައި ކަމަށެވެ. އެ މީހާ އެތަނުގައި ދިރިއުޅެން ފެށިއިރު ކަރަންޓާއި ފަންކާ ފަދަ އެއްޗެހި ވެސް ނެތް ކަމަށް ބުންޏެވެ.
"އެ މީހާ އެކަނި އެ ގޭގައި އުޅެމުން އައީ. އެ މީހާ ބަދަލުވިއިރު ކަރަންޓެއް ވެސް ނެތް. ރަށުގެ އެކި މީހުންގެ އެހީތެރިކަމާ އެކީގައި ކަރަންޓު ވެސް ލާފައި ފަންކާ އާއި ބޮތްކާ އެއްޗެހި ލާފައި ހުރީ. އެހާ ރަނގަޅު ހާލަތެއްގައި ނޫން ހުރީ،"
އޭނާ ބުނީ އެއީ ނިކަމެތި ހާލުގައި އުޅެމުން އައި މީހެއްކަމުން، ރަށުގެ މީހުން އޭނާއަށް އަޅާލާ ކަމަށެވެ. އެކަމަކު އެ މީހާ އެދެނީ އޭނާގެ ދަރިން އޭނާ ބެލުމަށް ކަމަށާއި އެ ކުދިންގެ ފަރާތުން އަޅާނުލުން ނުލިބޭތީ އެ ވާހަކަ މީހުންގެ ގާތުގައި ވެސް ދައްކާ ކަމަށް ބުންޏެވެ.
"އަޅުގަނޑާ ވެސް ފުދޭވަރަކަށް ވާހަކަ ދައްކާ މީހެއްވީމާ އެ ބޭބެ އަސްލު އެދެނީ އެ ބޭބެ ދަރިން ނޫނީ އެ ބޭބެގެ އާއިލާއިން އެ ބޭބެއަށް ހިދުމަތްކުރަން. އެކަމަކު އެގޮތަކަށް އެކަން ނުހިނގާ. ވީމާ ވާ ގޮތަކީ އެ ބޭބެއަށް އެންމެ ކޮންވީނިއެންޓެއް ނޫން އެގޮތެއް. އެ ޝަކުވާ ކުރޭ ހަމަ. އެހެންވެ ބައެއް ފަހަރު މީހުން ވެސް ހިތްހަމަނުޖެހުން އާދޭ މީހުން. އެކަމަކު ހަމަ ރަށުގެ މީހުން އަޅައިލާ ހަދާނެ."
އެ މީހާ އުޅެމުން އައި ނިކަމެތި ހާލުގެ ސަބަބުން އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިދޭން އެދިފައި ވަނީ ފުލުހުންނާއި އެރަށު ކައުންސިލުންނެވެ.