ތައުލީމީ ދާއިރާއިން ހިދުމަތްކުރެއްވުމަށް އިސްލާމީ މަރުކަޒުގެ އިމާމުކަމުގެ މަގާމުން، ޝައިހު އިބްރާހިމް ރަޝީދު ހަސަން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ މަރުކަޒުގެ އިމާމުކަން ހަތް އަހަރު އަދާކުރެއްވުމަަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށެވެ.
އިތުބާރުކުރައްވައި އެ ޒިންމާތައް ހަވާލުކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މިނިސްޓަރުންނާއި އެކުގައި މަސައްކަތްކުރެއްވި އިމާމުންނަށް ވެސް، ޝައިހުގެ ޕޯސްޓުގައި ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އިބްރާހިމް ވިދާޅުވީ އިސްލާމީ މަރުކަޒުގެ އިމާމުކަމުގެ މަގާމުން ދުރަށް ވަޑައިގެން، މިހާރު މަސައްކަތްކުރައްވަނީ އިސްލާމިކް ޔުނިވާސިޓީގައި ކަމަށެވެ.
"މިއީ، ތައުލީމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދިވެހި ގައުމަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ނިންމި ނިންމުމެކެވެ." އޭނާގެ ޕޯސްޓުގައިވެ އެވެ.
ޝައިހުގެ އެ ނިންމުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔައި، އިތުރު ކާމިޔާބީއަށް އެދިފަ އެވެ.