ރާއްޖޭގައި މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހި ފިރިހެނުންނަށް ވުރެ ބިދޭސީ ފިރިހެނުން ގިނަ ކަމަށް، ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތަކުން ދައްކައިފި އެވެ.
ދުނިޔޭގައި އިއްޔެ ފާހަގަކުރި އާބާދީގެ ދުވަހާ ގުޅުވައިގެން ނެރުނު ރިޕޯޓުގައި ބުނީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެއް ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ 47 ޕަސެންޓު ފިރިހެނުންނަކީ ބިދޭސީން ކަމަށް ވެސް، ރިޕޯޓުގައި ބުންޏެވެ.
މާލޭގައި ދިރިއުޅޭ އާބާދީގައި މަސައްކަތު އުމުރުފުރާގެ މީހުން ގިނަ ކަމަށާއި އަދި އެ އުމުރުގެ ބިދޭސީން ވެސް ގިނަ ކަމަށް އެ އިދާރާއިން ބުންޏެވެ.
އާބާދީގެ ހުލާސާ
- ރާއްޖޭގައި ދިރިއުޅެނީ 590،079 މީހުން
- ދިވެހިންގެ އާބާދީއަކީ 394،054 މީހުން
- ބިދޭސީންގެ އަދަދަކީ 196،024 މީހުން
ރިޕޯޓުގައި ބުނީ ރަށްރަށުގައި ދިރިއުޅޭ އާބާދީގައި 20-29 އަހަރާ ދެމެދުގެ އުމުރު މީހުން މަދު ކަމަށެވެ. އަދި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 20-44 އަހަރާ ދެމެދުގެ މީހުން ގިނަ ކަމަށާއި އޭގެ ތެރޭގައި ވެސް ބިދޭސީން ގިނަ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެވެ.
އާބާދީގެ 43 ޕަސެންޓު ދިރިއުޅެނީ މާލޭގަ އެވެ. ބާކީ ދިރިއުޅެނީ އެކި ރަށްރަށުގަ އެވެ.
މާލޭގެ އާބާދީގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެކެވެ. އަދި ރަށްރަށުގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކު ބިދޭސީއަކަށް ވާއިރު، ނޮން-އެޑްމިނިސްޓްރޭޓިވް ރަށްރަށުގެ އާބާދީގެ 80 ޕަސެންޓަކީ ބިދޭސީން ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގެ އާބާދީގައި ގިނައީ 36-64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ އާބާދީގެ 37 ޕަސެންޓު މީހުންނެވެ. ނަވާވީސް ޕަސެންޓާއެކު ދެން ގިނައީ 0-17 އަހަރާ ދެމެދުގެ ކުދިންނެވެ. ޒުވާނުން ކަމަށް ބަލާ 18-35 އަހަރުގެ ތިބީ 27 ޕަސެންޓެވެ.