ހއ. ހޯރަފުށީގައި ހުންނަ ހާފްވޭހައުސްގައި ތިބި ކުދިން އެތަނުން ނުކުމެ އެ ރަށު މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ފަޅުގެއަކަށް އެއްލާލާފައި އޮއްވައި ފެނިއްޖެ އެވެ.
އެ ރަށު ކައުންސިލް ރައީސް މުހައްމަދު އަސްފާމް "މިހާރު" އަށް ވިދާޅުވީ، ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހުކުރުމަށް ގެންގޮސް ފަރުވާދޭން ހަދާފައިވާ ހާފްވޭހައުސްގައި ތިބި ކުދިން ހަމަލާދިނީ އެ ތަނުގެ ކުރިމައްޗަށް އޮންނަ އަތިރިމަތީގައި މަސްބާނަން ހުރި މީހަކަށް ކަމަށެވެ.
އެންމެ ފުރަތަމަ ބަދަލުކުރީ ބަހުގެ ހަމަލާތަކެއް ކަމަށާއި ދެން އެ މީހާ ފަހަތުން ދުވެ، އޭނާ އެ ހިސާބުގައި ހުރި ފަޅު ގެއަކަށް ވަނުމުން އެ ތިންކުދިން ހަމަލާދިނީ ކަމަށް ވެސް އަސްފާމް ވިދާޅުވި އެވެ.
އަނިޔާވީ އުމުރުން 30 އަހަރުގެ މީހަކަށް ކަމަށާއި އޭނަގެ ހާލު ސީރިއަސް ކަމަށް އެ ރަށު ސިއްހީ މަރުކަޒާ ހަވާލާދީ ކައުންސިލް ރައީސް ވިދާޅުވި އެވެ.
"ވަރަށް ބޮޑެތި އަނިޔާތައް ލިބިފައި ހުރީ، ވަރަށް ވަރުކޮށްލާފައި އޮތީ،" އޭނާ ވިދާޅުވި އެވެ.
އަނިޔާވި މީހާ އިތުރު ފަރުވާއަށް މިހާރު ވަނީ އެ އަތޮޅު ދިއްދޫ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން ފުލުހުން މައްސަލަ ބަލަމުންދާ ކަމަށް ވެސް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ތިން ކުއްޖަކު ހާފްވޭހައުސްގެ ފާރުމަތީ ތިބެ ހުތުރު ބަހުން ވާހަކަ ދައްކައި ހުތުރު އިޝާރާތްތައް ކުރާތީ ފެނެ އެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ މީހުންނާއި ފުލުހުން އެ ހިސާބުގައި އުޅެ އެވެ. އަނިޔާވެފައި އޮތް މީހާ ނަގައިގެން ގެންދާ ވީޑިއޯއިން ބެލެވޭ ގޮތުގައި އެ މީހާ އޮތީ ހޭނެތިފަ އެވެ.
ގޮނޑުދޮށާ ވަރަށް ކައިރީގައި ހަދާފައިވާ ހޭފްވޭހައުސް ނުވަތަ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު ހުޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ގަ އެވެ.
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނުގައިވާ ގޮތުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާދޭން ޖެެހެ އެވެ. ނަމަވެސް 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނަށް ހަ އަހަރު ވެގެން ދިޔައިރު ވެސް އެކަން އޮތީ ނުވެ އެވެ.