ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ އެ ރަށު އެތެންސް، މުހައްމަދު އަތޫފް ހަބީބް، 25، އާއި އެ ރަށު ދެތަޑިމާގެ، މުހައްމަދު ރާއިފް ހުސައިން، 20، އެވެ.

ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކުރީ ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް ވިލިނގިލި ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި އެ ރަށުގެ ހަތަރު ގެއެއް ފާސްކޮށް، ޖުމްލަ 66.92 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށާއި އޭގެ ތެރޭގައި 53.91 ގްރާމް ބްރައުން ޝުގާ އާއި 13.01 ގްރާމް މެތަފެޓަމިން ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަތޫފް 15 ދުވަހަށް ބަންދު ކުރުމަށް އަދި ރާއިފް 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓް ކުރެވޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މީހުން އެކަމުން ދުރަށް ގެންދެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށްތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.