ޑްރޯންއެއް ބޭނުންކޮށްގެން ކ. މާފުށި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފި އެވެ.
ފުލުހުން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
އެ އޮޕަރޭޝަން ހިންގާފައި ވަނީ މާފުށީ ޖަލާއި މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، އެ އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.