މި މަހުގެ 27 ގައި އަޅުވާ ފިލްމް "އިލް ނޮއިސް" ގެ ޕޯސްޓަރު ފޭސްބުކްގައި ޝެއާކޮށްގެން ދެ މީހަކަށް ލ. އަތޮޅުން ޗުއްޓީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"އިލް ނޮއިސް" ޕޯސްޓަރާއި ފިލްމާ ބެހޭ ގިނަ މައުލޫމާތު އެ ފިލްމުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ހިމަނާފައިވެ އެވެ.

ފިލްމުގެ ޓީމުން ބުނީ ޗުއްޓީ ދަތުރު ދޭނީ ފޮޓޯ ޝެއާކުރާ މީހާއާ އެކު، އިތުރު މީހަކަށް ކަމަށެވެ. އެގޮތުން، ލ. އަތޮޅުގެ އޮނާސް ގެސްޓް ހައުސްގައި ހަތަރު ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ދަތުރާ އެކު މޯލްޑިވިއަންގެ ދެކޮޅު ޓިކެޓް ވެސް ލިބޭނެ އެވެ.

ޗުއްޓީ ދަތުރު ލިބޭނީ ފޮޓޯ ޝެއާ ކުރާ މީހުންގެ މެދުގައި ގުރުއަތުލައިގެން ހޮވޭ މީހަކަށެވެ.

ތިއޭޓަ މިރާޖާއި އޯކޭޒް އިންކް ގުޅިގެން ހަދާފައިވާ "އިލް ނޮއިސް" ގެ ޓިކެޓް ވެސް މިހާރު އަންނަނީ ޝްވެކް ސިނަމާ އިން ވިއްކަމުންނެވެ.

މި ފިލްމަކީ ތިއޭޓަ މިރާޖުން ހަމަ އެ ނަމުގައި 2012 ވަނަ އަހަރު ގެނެސް ދިން ތިއޭޓަ ޕްލޭއަކަށް ބިނާކޮށް ހަދާފައިވާ ސައިކޮލޮޖިކަލް ތުރިލާއެކެވެ.

އިސްމާއިލް ނިހާދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މުހައްމަދު މުންތަސިރު (މުންކޮ) އާއި އަހުމަދު އަލަމް އަދި ޝަމްއަތު އިބްރާހީމެވެ.

"އިލް ނޮއިސް" އަކީ މި އަހަރު އަޅުވާ ހަތަރު ވަނަ ފިލްމެވެ.