މިއީ މި މަހުގެ 27 ވާ ބުރާސްފަތި ދުވަހު ޝްވެކް އިން ސިނަމާއިން "އިލް ނޮއިސް" ބަލައިލުމުގެ ކުރިން ފެންނާނެ އެންމެ ފަހު ޓްރެއިލާ އެވެ. މި ފިލްމަށް ޝައުގުވެރިވާ މީހުންނަށް މިއީ މި ވަގުތަށް ވަރަށް މުހިއްމު ހަދިޔާއަކަށް ވާނެ އެވެ.

ކުރީގެ ޓްރެއިލާތަކުން ފެންނަ ވަރަށް ވުރެ ތިލަކޮށް، ހާމަކަން ބޮޑުކޮށް މި ފަހަރު މީގެ މައި ކެރެކްޓާ ކުޅޭ މުހައްމަދު މުންތަސިރު (މުންކޮ) ވެސް ފެނިގެން ދެ އެވެ. އޭނާގެ އެކްޓިން ބަލާލަން ޝައުގުވެރިވާ މީހުންނަށް މި ޓްރެއިލާ ފުދޭނެ ކަމަށް ބަލަމާ ހިނގާށެވެ.

"އިލް ނޮއިސް" ގެ ޓީމުން ބުނީ ފިލްމުގެ ޓިކެޓް މިހާރު ވަރަށް ބާރަށް ވިކެމުން އަންނަ ކަމަށެވެ. ޕްރިމިއާ ޝޯގެ ޓިކެޓް ވިއްކަނީ 200ރ. އަށެވެ. ދެން ހުރި ޝޯތަކުގެ ޓިކެޓް 100ރ. އަށެވެ.

"އިލް ނޮއިސް" އަކީ 2012 ވަނަ އަހަރު، ހަމަ އެ ނަމުގައި ތިއޭޓަ މިރާޖުން ގެނެސް ދިން ތިއޭޓަޕްލޭ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން، ސްކްރީނާ ހަމައަށް ގެނެސްދޭ ފީޗާ ފިލްމެކެވެ.

ފިލްމުގެ މުހިއްމު ރޯލްތަކުން މުންކޮއާ އެކު ޝަމްއަތު އިބްރާހީމާއި އަހުމަދު އަލަމް ވެސް ފެނިގެން ދާނެ އެވެ.

"އިލް ނޮއިސް" ފީޗާ ފިލްމެއްގެ ބައްޓަށް ހެޔަވަރުކޮށްލައިގެން ގެނެސް ދެނީ ތިއޭޓަ މިރާޖާއި އޯކޭޒް އިންކުންނެވެ.

މީގައި ކިޔައި ދެނީ އާދަޔާހިލާފު ބައްޔެއް ޖެހިފައިވާ މީހަކު އެ ބަލިން ސަލާމަތް ކުރަން ކުރާ މަސައްކަތެވެ. މިއީ ސައިކޮލޮޖިކަލް ތުރިލާއެކެވެ.

މި ފިލްމް މާލޭގައި ޕްރިމިއާ ކުރުމަށް ފަހު، މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ވެސް އަޅުވަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ހިމެނެ އެވެ. އަދި ސިންގަޕޫރާއި މެލޭޝިއާގައި ވެސް ފިލްމް އަޅުވަން އަންނަނީ މަޝްވަރާ ކުރެވެމުންނެވެ.