މުހައްމަދު މުންތަސިރު (މުންކޮ) ގެ ތިއޭޓާ މިރާޖުން 2012 ގައި ގެނެސް ދިން ތަމްސީލް "އިލް ނޮއިސް" ފީޗާ ފިލްމެއްގެ ގޮތުގައި ނެރުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

މުންކޮ ބުނީ "އިލް ނޮއިސް" ސިނަމާ އަށް ގެންނާނީ އޯކޭޒް އިންކާ ގުޅިގެން ކަމަށެވެ.

މީގެ ޓީޒާ ވެސް މިހާރު ފިލްމުގެ ފޭސްބުކް ޕޭޖްގައި ދައްކައިލުމުގެ އިތުރުން ޓީވީއެމުން ވެސް އަންނަނީ ދައްކަމުންނެެވެ. ފިލްމު ސިނަމާ އަށް އަންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ކުރީކޮޅު އެވެ.

މުންކޮ ބުނީ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު "އިލް ނޮއިސް" ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސްދޭ އިރު، މީގެ ވާހަކަ އާއި ދިގު މިނަށް ބަދަލުތަކެއް ގެނެސްފައި ހުންނާނެ ކަމަށެވެ.

އެގޮތުން ފިލްމުގެ ދިގުމިން އެއް ގަޑި އިރާއި 45 މިނިޓްގެ ދެމިގެންދެ އެވެ. ތަމްސީލުގެ ދިގު މިނަކީ އެއް ގަޑި އިރެވެ.

މުންކޮގެ ވާހަކައަކަށް "އިލް ނޮއިސް"ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަހުމަދު މައުރޫފް ޖަމީލެވެެ. ޑައިރެކްޓް ކުރަނީ އިސްމާއީލް ނިހާދެވެ. މީގައި ކިޔައި ދޭނީ ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވާ މައިކްރޮބައިލޮޖިސްޓެއްގެ ވާހަކަ އެވެެ.

"އިލް ނޮއިސް" ގެ މަންޒަރެއް: ފީޗާ ފިލްމެއްގެ ގޮތުގައި މާޗް މަހު ސްކްރީނަށް އަންނާނެ.
"އިލް ނޮއިސް" ގެ މަންޒަރެއް: ފީޗާ ފިލްމެއްގެ ގޮތުގައި މާޗް މަހު ސްކްރީނަށް އަންނާނެ.

މުންކޮ ބުނީ "އިލް ނޮއިސް" ގެ މަސައްކަތް ޖެނުއަރީ މަހު ވަރަށް ބާރަށް ފަށައި ގަންނާނެ ކަމަށެވެ.

ނަމަވެސް ފިލްމާ ބެހޭ ގޮތުން މި ވަގުތަށް މާ ބޮޑު ތަފުސީލަކަށް ދާން "އިލް ނޮއިސް" ގެ ޓީމުން އަދި ބޭނުމެއް ނުވެ އެވެ. އެހެންކަމުން ތަރިން ވެސް އަދި އޮތީ ސިއްރެއްގެ ގޮތުގަ އެވެ.

"ވަރަށް ސްޓްރެޓިޖިކްކޮށް މީގެ މަސައްކަތްތައް ކުރިއަށް ގެންދަން ރާވާފައި ހުރީ. އެހެންވެ މި ވަގުތަށް މާ ބޮޑު ތަފުސީލަކަށް ވެސް ދެވެން ނެތީ. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމާ ގުޅޭ އެކި ކަހަލަ މައުލޫމާތުތައް ޝެއާ ކުރަމުން ގެންދާނަން،" މުންކޮ ބުންޏެވެ.

"ވަރަށް ސްޓްރެޓެޖިކްކޮށް މީގެ މަސައްކަތްތައް ކުރިއަށް ގެންދަން ރާވާފައި ހުރީ. އެހެންވެ މި ވަގުތަށް މާ ބޮޑު ތަފުސީލަކަށް ވެސް ދެވެން ނެތީ. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމާ ގުޅޭ އެކި ކަހަލަ މައުލޫމާތުތައް ޝެއާ ކުރަމުން ގެންދާނަން،" މުންކޮ ބުންޏެވެ.

"އިލް ނޮއިސް" ތަމްސީލްގައި މައި ޝަހުސިއްޔަތު އަދާކުރީ މުންކޮ އެވެ.

ތިއޭޓަ މިރާޖުން ތަމްސީލެއްގެ ގޮތުގައި ގެނެސްދިން "ބުޅާ" ވެސް އާންމުންގެ މެދުގައި ވަރަށް މަގުބޫލުވި އެވެ.

މުންކޮ ޑައިރެކްޓް ކުރަން ފެށި ކަނޑުމަތީގެ ހާދިސާތަކެއް ކިޔައިދޭ "ގެއްލުނީމާ" ގެ މަސައްކަތް މިހާރު ވަނީ މަޑުޖެހިފަ އެވެ.