"އޯކޭޒް އިންކް" އަކީ އެހާ ފަރިތަ ނުވެދާނެ އެވެ. އެކަމަކު މިއީ އާ ނަމެއް ނޫނެވެ. އާޓްގެ އެކި ކަންކަމާ ގުޅުން ހުރި ވަރަށް ގިނަ ކަންކަން އޯކޭޒުން މިހާރު އަންނަނީ ކުރަމުންނެވެ.

އޭގެ ތެރޭފައި 3ޑީ އާޓާއި ޓީވީ އިޝްތިހާރުތައް ހެދުމާއި ޑޮކިއުމަންޓްރީތަކާއި ރިސޯޓްތަކުގެ ލޭންޑްސްކޭޕިންގެ ޓެކްނިކަލް މަސައްކަތްތަކާއި ފިލްމީ މަސައްކަތް ވެސް ހިމެނެ އެވެ.

ފިލްމީ މަސައްކަތްތަކުގެ އިތުރަށް، އޯކޭޒަކީ ރީތި ހިތްގައިމު ވީޑިއޯ ލަވަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ބައެކެވެ.

މި މަސައްކަތުގައި އިސްކޮށް ތިބީ އަހުމަދު ސާޖިދު (ސާޖީ) އާއި އަހުމަދު ނަދީމްގެ އިތުރުން އުސާމަތު ތައުފީގެވެ.

މާކެޓިން އެޖެންސީއެއްގެ ގޮތުގައި 2012 ވަނަ އަހަރު އޯކޭޒް އިންކް ވުޖޫދަށް އައީ ސާޖީ އާއި ނަދީމްގެ މޭސްތިރިކަމުގެ ދަށުންނެވެ. އުސާމަތު އެ މީހުންނާ ގުޅުނީ ތަންކޮޅެއް ފަހުންނެވެ.

"ފާއިތުވި ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެބަ ހުރި ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައި. އޭގެ ތެރޭގައި އެކިއެކި ވިޔަފާރި ކުންފުނިތަކާއި ރިސޯޓްތަކާއި ޑޮކިއުމަންޓްރީ އާއި ފިލްމީ މަސައްކަތް ވެސް ހިމެނޭ،" ސާޖީ ބުންޏެވެ.

އޭނާ ބުނީ އާޓާ ގުޅުން ހުރި މިފަދަ މަސައްކަތް ކުރުމުގެ ޕްރޮފެޝަނަލް ގިންތިއަކާ ހަމައަށް އާދެވުނީ ހޮބީއަކަށް ފެށުނު މަސައްކަތްތަކެއްގެ ތެރެއިން ކަމަށެވެ.

"މީގެ ތެރޭގައި މި އުޅޭ އެންމެންނަކީ ވެސް ވަކި ތަނަކަށް ގޮސް ކިޔައިވައިގެން މަސައްކަތް ކުރާ ބައެއް ނޫން. އިންޓަނެޓް ހުރިހާ ވެސް އެއްޗަކީ،" ރާއްޖޭގައި މިހާރު އެންމެ މޮޅަށް ވިޝުއަލް އިފެކްޓްސް ވެސް ހެދެން އޮތް އޯކޭޒްއާ ބެހޭ ގޮތުން ސާޖީ ބުންޏެވެ.

އޯކޭޒުން ވަނީ ދިރާގާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، ރާއްޖެ އޮންލައިން (އާރްއޯއެލް)، އެމްޔޫ ސްޓޯރް އަދި އިވޯ ހޯމް ފަދަ ބޮޑެތި ވިޔަފާރިތަކުގެ ޓީވީ ކޮމާޝަލްތައް ގޭގޭގެ ސިޓިންރޫމްތަކާ ހަމައަށް ވެސް ގެނެސް ދީފަ އެވެ.

ސީޒަންތަކަކަށް ދެމިގެން ދިޔަ ކުރީގެ ދިއެފްއެމް ޕްލަސްގެ "އެންމެ ރީތި" ލަވަ ޕްރޮގްރާމަކީ ވެސް އޯކޭޒްގެ އުފެއްދުމެކެވެ. ޑައިރެކްޓަރު އަބްދުލް ފައްތާހު ރޯދަ މަހު ގެނެސްދޭ ޑޮކިއުމަންޓްރީ "ވައްޓަފާޅި" އަކީ އޯކޭޒްގެ މަސައްކަތް ފެނިގެންދާ އުފެއްދުމެކެވެ.

މީގެ އިތުރުން އޯކޭޒުން މަސައްކަތްކޮށްފައިވާ ބައެއް ފީޗާ ފިލްމުތަކުގެ ތެރޭގައި އިންސާފު، އަހްޝަމް އަދި އާދޭސް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން އަދި ރިލީޒް ނުވެ އޮތް "ޕްލޭން ބީ" އަކީ ވެސް އޯކޭޒްގެ ތަފާތު މަސައްކަތެއް ފެނިގެން ދާނެ ފިލްމެކެވެ.

މިހާރު އަޅުވަން ތައްޔާރުވަމުން އަންނަ ފިލްމް "އިލް ނޮއިސް" އަކީ އޯކޭޒާއި ތިއޭޓަ މިރާޖްގެ ކޮލަބަރޭޝަނެކެވެ. މިއީ ސައްތަ އިން ސައްތަ އެ ސްޓޫޑިއޯ ހިއްސާވާ ފުރަތަމަ ފީޗާ ފިލްމެވެ.

ސާޖީ ބުނީ މުހައްމަދު މުންތަސިރު (މުންކޮ) 2012 ގައި ތިއޭޓަ ޕްލޭއެއްގެ ގޮތުގައި ގެނެސް ދިން "އިލް ނޮއިސް" ފީޗާ ފިލްމަކަށް ހެދީ ވެސް އޯކޭޒްގެ ހިޔާލަކަށް ކަމަށެވެ.

"އޭތި އޭރު ބަލާފައި ވަރަށް ކަމުދިޔަ އެއްޗަކަށްވީ. އެހެންވެ މުންކޮ އަށް ދިން ހިޔާލެއް ހިނގާށޭ އޭތި ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސް ދޭން. އެހެންވީމަ އޭތި ފިލްމެއްގެ ގޮތުގައި ސިނަމާ އަށް މި އަންނަނީ އަހަރެމެން ދެ ފަރާތުގެ ކޮލަބަރޭޝަނެއްގެ ގޮތުގައި،" އޭނާ ބުންޏެވެ.

ސާޖީ ބުނީ "އިލް ނޮއިސް" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށެވެ. އަދި މިއީ ދިވެހި ސިނަމާ އަށް އާ ޖޮންރާއެއް ކަމަށް ބުންޏެވެ.

"ހަމަ ގައިމު ވެސް އަހަރަމެން ވަރަށް ހިތްހަމަޖެހޭ ފިލްމީ ދޭތެރޭ. ހިނގާ އޭތި ދެން ބެލުންތެރިންނަށް ދޫކޮށްލަމާ. ބެލުންތެރިން ފިލްމް ބަލާފައި ޖަޖް ކުރަން ވާނީ،" އޭނާ ބުންޏެވެ.

ކުރިއަށް ވެސް ފިލްމީ މަސައްކަތްތަކެއް އެބަ ހުއްޓެވެ. އެގޮތުން ފައްތާހުގެ ކުރިއަށް އޮތް ފިލްމް "ހައްދު" ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތާ ހަވާލުވެފައި ވަނީ ވެސް އޯކޭޒެވެ.

"ފިލްމީ މަސައްކަތްތަކުގެ ތެރެއިން ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް މި ކުރަނީ. ހަމައެއާ އެކު ފިލްމުތަކަށް ވިޝުއަލް އިފެކްޓްސް ހަދައި ދިނުމަކީ އަހަރެމެންގެ ވަރަށް ހާއްސަ އެއް ކޮމްޕޯނަންޓް،" ސާޖީ ބުންޏެވެ.

އޭނާ ބުނީ ފިލްމީ މަސައްކަތްތައް ކުރަން ނިންމި މައިގަނޑު އެއް ސަބަބަކީ ކޮލިޓީ އުފެއްދުންތަކެއް ސިނަމާ އަށް އަންނަން ބޭނުންވުން ކަމަށެވެ. މިދިޔަ އަހަރު ފައްތާހު ޑައިރެކްޓް ކުރަން އުޅުނު ތާރީހީ ފިލްމް "1962 ތެނަދު" އަކީ ވެސް އޯކޭޒުން ވަރަށް ބޮޑަށް ތައްޔާރުވި ފިލްމެކެވެ.

އެކަމަކު ވަރަށް ގިނަ މަސައްކަތް ކުރެވިފައި ހުއްޓައި، އެ ފިލްމް ޖެހުނީ ހުއްޓައިލާށެވެ.

"އެއްޗެއް ހަދާ އިރު، އެކަމެއް ކުރަން އެނގޭ ބަޔަކާ ހަވާލުކޮށްގެން ކުރުވީމަ އެންޑް ޕްރޮޑަކްޓް ވަރަށް ރީތިކޮށް ފެންނާނީ. އެހެންވީމަ ޕްރޮޖެކްޓެއް ހިފައިގެން އަންނަ ކޮންމެ ބަޔަކަށް އަހަރެމެންގް ބެސްޓް ދޭނަން،" ސާޖީ ބުންޏެވެ. "މިހާތަނަށް މަސައްކަތްކޮށްފައި ހުންނާނީ ވެސް އެހެން. އަނެއްކާ އަހަރެމެން ވަރަށް ބޮޑަށް ބަލަން އެ އެއްވަސްވާ ޑެޑްލައިނަކަށް މަސައްކަތް ނިންމަން."