މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ޝްވެކް ސިނަމާގައި އެޅުވި ފިލްމް "އިލް ނޮއިސް" ގެ ފަހު ޝޯ މިރޭ ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.
މިރޭ 11:30 އޮންނަ ޝޯގެ ޓިކެޓް ޝްވެކުން ގަންނަން ލިބޭނެ އެވެ.
އަލަށް ޑައިރެކްޝަނަށް ނިކުތް އިސްމާއީލް ނިހާދު ޑައިރެކްޓްކޮށްފައިވާ ސައިކޮލޮޖިކަލް ތުރިލާ "އިލް ނޮއިސް" މިދިޔަ މަހުގެ 27 ގައި ޕްރިމިއާ ކުރުމަށް ފަހު، ކޮންމެ ރެއަކު ދިޔައީ ދެ ޝޯ ދައްކަމުންނެވެ.
ތިއޭޓަ މިރާޖާއި އޯކޭޒް އިންކް ގުޅިގެން ގެނެސް ދިން މި ފިލްމް ބެލި ވަރަށް ގިނަ ބަޔަކު ވަނީ ފިލްމަށް ތައުރީފުކޮށްފަ އެވެ.
ހާއްސަކޮށް މިއީ އާންމުކޮށް ދިވެހި ސްކްރީނުން ފެންނަ ފިލްމުތަކާ މުޅިން ތަފާތު ފިލްމެއް ކަމަށް ފިލްމް ބެލި މީހުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފިލްމް ގެނެސް ދީފައިވާ ގޮތާއި ތަރިންގެ އެކްޓިން ވަރަށް މޮޅު ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.
އާދަޔާހިލާފު ބައްޔެއް ޖެހިފައިވާ މީހަކު ސަލާމަތް ކުރަން މައިކްރޮ ބައިލޮޖިސްޓަކު ކުރާ މަަސައްކަތް ދައްކުވައިދޭ "އިލް ނޮއިސް" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މުހައްމަދު މުންތަސިރު (މުންކޮ) އާއި ޝަމްއަތު އިބްރާހީމްގެ އިތުރުން އަހުމަދު އަލަމް އެވެ.
"އިލް ނޮއިސް" މާލޭގައި ދެއްކުމަށް ފަހު، މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ވެސް އަޅުވަން ވަނީ ނިންމައިފަ އެވެ.
އޭގެ ތެރޭގައި ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ހިމެނެ އެވެ. އަދި ސިންގަޕޫރާއި މެލޭޝިއާގައި ވެސް ފިލްމް އަޅުވަން އަންނަނީ މަޝްވަރާ ކުރަމުންނެވެ.