ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާއި ގުދުސްގެ މުގައްދަސް ބިންތައް ހިމާޔަތްކުރަން ރާއްޖެއިން މިއަދު ގޮވާލައިފި އެވެ. 

ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައި އދ. ގައި އުފައްދާފައިވާ ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓިނިއަން ޕީޕަލް (ސީއީއައިއާރުޕީޕީ) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގުޅިގެން މިސްރުގައި ބޭއްވި ކޮންފަރެންސްގައި ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ސަރީރު ވަނީ އިސްރާއިލްގެ ސަބަބުން ފަލަސްތީނު ރައްޔިތުން ތަހައްމަލުކުރާ ހާލަތަށް އަލިއަޅުއްވާލައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފުމަށް އިޒަރޭލުން ކުރާ ހުރިހާ މަސައްކަތެއް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.

އޭގެ އިތުރުން ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ) އިން ކުރާ މުހިއްމު މަސައްކަތްތަކައް ބާރުދިނުމަށް އެ އެޖެންސީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ރާއްޖެއިން ވަނީ އަޑުއުފުލައިފަ އެވެ.

ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތާއި ތާރީހީ އަދި ދީނީ މުހިއްމުކަން ހިމާޔަތްކުރެވޭނީ، ސަރީރުގެ ބަޔާނުގައިވާ ގޮތުން އިސްރާއިލްގެ އިސްތިއުމާރު ނިމުމަކަށް ގެނެސް 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައި އޮތް އިންތަކުގެ މައްޗަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު ބަލައިގަނެގެންނެވެ. 

ފަލަސްޠީނުގެ ހައްގުގައި ވަކާލާތުކުރާ އަދި އޯއައިސީގެ މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަންނަނީ މި ފަދަ ކޮންފަރެންސްތަކުގައި ބައިވެރިވަމުންވެ.