ކ. ހިންމަފުށީގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ ބިދޭސީން ހައްޔަރުކޮށް، އެ މީހުން ޑީޕޯޓުކޮށްލަން އިމިގްރޭޝަނަށް ހުށަހަޅައިފި އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި މިދިޔަ އާދިއްތަ ދުވަހު މާރާމާރީ ހިންގައިގެން އެ ރޭ 7:25 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން މިސްރުގެ ދެ ފިރިހެނުން ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމުން ދެ ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. 

އެނގިފައިވާ ގޮތުގައި ހައްޔަރުކުރީ ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި މަސައްކަތްކުރާ ޑޮކްޓަރަކާއި އެ ރަށު ގެސްޓްހައުސެއްގައި މަސައްކަތްކުރާ މީހެކެވެ. 

އެ ހަމަނުޖެހުމުގައި ހަމަލާ ދިނީ ދިވެއްސަކަށް ކަމަށް ވިޔަސް އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. 

އޮފިޝަލު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް، އެ މީހުން ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލަން އިމިގްރޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.