އަމިއްލަ ގައުމަށް ބޭނުންވާ ޑޮލަރު ލިބުމުގައި ހުރި ދަތިތަކާއި އަދި މުސާރަ ނުދޭތާ ގިނަ ދުވަސްވެއްޖެ ކަމަށް ބުނެ ކ. ބޮލިދުއްފަރުގައި އިހުތިޖާޖުކުރި ބިދޭސީންގެ ތެރެއިން ހައްޔަރުކުރި 21 މީހުން ޑީޕޯޓުކޮށްލައިފި އެވެ.
މުޒާހަރާ ކުރި މައްސަލާގައި ހައްޔަރުކުރި މީހުން ފުލުހުން ހަވާލުކުރީ އިމިގްރޭޝަނާ އެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
އެއީ ގާނޫނީ އަމުރަށް ނުކިޔަމަންތެރިވުމާ ގުޅިގެން ފުލުހުން އިމިގްރޭޝަނާ ހަވާލުކުރި ބައެއް ކަމަށް ވެސް ބުންޏެވެ.
އެ ބިދޭސީންނަށް ފިޔަވަޅު އަޅާފައި ވަނީ އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް ކަމަށާއި ނިންމާފައި ވަނީ ރާއްޖެއިން ޑީޕޯޓު ކޮށްލުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 30 އިން ފެށިގެން އެކި ދުވަސްމަތިން މިހާރު އެ 21 މީހުން ވެސް ރާއްޖެއިން ޑީޕޯޓު ކޮށްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
ބޮލިދުއްފަރު ފަޅުން 34 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓެއް ހަދަނީ ދުބާއީގެ ޑަމަކްސް ޕްރޮޕަޓީސް އިންނެވެ. ކޮންސްޓްރަކްޝަން މަސައްކަތް ހަވާލުކޮށްފައި ދިވެހި ކުންފުންޏެއް ކަމަށްވާ އައިމާ ކޮންސްޓްރަކްޝަނާ އެވެ.