ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ބޮޑު އަގުގައި އެ ވިއްކުމުގެ ވިޔަފާރިކުރާ ދެ ބިދޭސީއަކު ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. 

ފުލުހުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން، ހުއްދަ ނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. 

އެ މައްސަލާގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމްޑީ މަސްއޫދު އަހުމަދާއި އަބޫ ތާހިރު ކިޔާ މީހެކެވެ. 

ފުލުހުން ބުނީ އޭގެ ތެރެއިން މަސްއޫދު ބަންދުކުރީ މިިދިޔަ ހުކުރު ދުވަހު ކަމަށާއި އަބޫ ތާހިރު ބަންދުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. 

އެ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ މައުލޫމާތާއި ހޯދުންތަކުގެ އަލީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް މިހާރު އަންނަނީ އަޅަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ފިޔަވަޅަކީ ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހެވެ.

އެ އިސްލާހަށް އަމަލުކުރަން ފެށުމާ އެކު އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ މީހުންގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންގެ އެހީއަށް ވެސް އެދިފަ އެވެ. މި ފަހުން ވަނީ ގަވާއިދާ ހިލާފަށް އެ ވިޔަފާރިކުރާ ހަ ބިދޭސީން ވެސް ހައްޔަރުކޮށްފައިވެ އެވެ. 

ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އެ އެންމެންނަކީ ވެސް ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ ދާއިރާގެ ބޭރުން، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އައި ބައެއްކަން ވެސް ތަހުގީގަށް އެނގިފައިވެ އެވެ. 

އެ މައްސަލަތަކުގެ ތަހުގީގުން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ހަ މީހުންގެ އެކައުންޓްތަކުގައި ޖުމްލަ 54.4 މިލިއަން ރުފިޔާ އާއި 1.6 މިލިއަން ޑޮލަރު ދައުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.