އައްޑޫ ފޭދޫ ޓޫރިޒަމް ޒޯން ކައިރީގައި އޮންނަ ފަޅުރަށް ކަމަށްވާ ސަވާހިލި އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ސަރުކާރުން ނަގާފައިވާއިރު، އެ ރަށް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ނުކޮށްފި ނަމަ ނަމަ އޭގެ ވަރަށް ބޮޑު ގެއްލުމެއް ފޭދޫ ޓޫރިޒަމް ޒޯނަށް ކުރާނެ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ނިޒާރު އިއްޔެ ވިދާޅުވީ، އައްޑޫ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަވާހިލި ރަށް ޓޫރިޒަމް މަސައްކަތަށް ދޫނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމުން، އެ ކަން ކުރެވޭނެ ހާއްސަ ހުއްދައަކަށް ރައީސް އޮފީހަށް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް، އެ ސިޓީއަށް އެއްވެސް ޖަވާބެއް ނުދެއްވައި ބާއްވާފައިވާތީ، އެ ރަށުގައި ރެކްރިއޭޝަނަލް ފެސިލިޓީތައް ގާއިމުކުރަން ކައުންސިލުން މި މަހުގެ 19 ވަނަ ދުވަހު ބީލަމަށް ހުޅުވައިލި ފަހުން، ސަވާހިލި ކައުންސިލްގެ އިހުތިސާސުން ސަރުކާރުން މިދިޔަ ބުދަ ދުވަހު ވަކިކޮށްފައިވާ ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ. 

ނިޒާރު ވިދާޅުވީ، ރެކްރިއޭޝަނަލް ފެސިލިޓީއެއްގެ ގޮތުގައި ސަވާހިލި ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މި މަހު ބީލަން ހުޅުވުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ބިޑް ޑޮކިއުމަންޓު ވެސް ގަނެފައި ކަމަށެވެ. 

"އަޅުގަނޑުމެންނަށް ސަރުކާރުގެ ތެރެއިން މައުލޫމާތު ލިބުނު. ލިބުނު މައުލޫމާތަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް އެދިގެން ކަމަށް ރައީސް މިކަން ކުރެއްވީ،" އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ސަވާހިލި ކުއްލި ގޮތަކަށް ވަކިކުރި މައްސަލައާ ގުޅުވައިގެން ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފޭދޫ ޓޫރިޒަމް ޒޯނާ ގުޅިފައިވާ ސަވާހިލީގައި ސަރުކާރުން ޓޫރިޒަމް ތަރައްގީކުރުމުގެ މަސައްކަތް ނުފަށައިފި ނަމަ ފޭދޫގައި ފަށަން ތައްޔާރުވަމުން އަންނަ ގެސްޓް ހައުސްތަކުގެ އޮޕަރޭޝަނަށް ބުރޫއަރާނެ އެވެ.

ނިޒާރު ދެކެވަޑައިގަންނަވާ ގޮތުގައި ފޭދޫ ޓޫރިޒަމް ޒޯނާއި ސަވާހިލި ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވާނީ އެކުއެކީގައި އެއް މަސައްކަތެއްގެ ގޮތުގަ އެވެ. 

އޭނާ ވިދާޅުވީ، އެކަން އެ ގޮތަށް ނުކުރެވިއްޖެ ނަމަ އައްޑޫގެ ޓޫރިޒަމްގެ ހަރަކާތްތައް އަނެއްކާ ވެސް ދާނީ ފަހަތަށް ކަމަށެވެ.

ފޭދޫ ޒޯނުގައި މިހާރު ވެސް 400 އެއްހާ ކޮޓަރީގެ މަސައްކަތް ނިމެން ގާތްވެފައިވާއިރު، 2028 ވަނަ އަހަރާ ހަމައަށް 1،000 ކޮޓަރި ހަދާނެކަން ނިޒާރު ފާހަގަކުރެއްވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ މަސައްކަތްތަކަށް ސަވާހިލި ބޭނުންކުރަން މިދިޔަ އަހަރުގެ އޭޕްރީލް މަހު އައްޑޫ ސިޓީ ކައުންސިލުން އިއުލާން ވެސް ކުރި އެވެ. އެކަމަކު، މީހުން ދިރިނޫޅޭ ރަށްރަށުގައި ޓޫރިޒަމްގެ މަަސައްކަތް ކުރުމަށް އިއުލާން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނަށް ގެނައި އިސްލާހަކުން ނިންމަވައި، އެ ދުވަސްވަރު ގެޒެޓް ކުރުމާ އެކު، ސަވާހިލި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރުން އެ ވަގުތަށް މަޑުޖެހުނީ ކަމަށް މޭޔަރު ވިދާާޅުވި އެވެ. 

ސަރުކާރުން ބުނެފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ސަވާހިލި ވަކިކުރީ ޓޫރިޒަމްގެ ބޭނުމަށް ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލް އަދި ހާމައެއް ނުކުރެ އެވެ.

މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫގެ ޓޫރިޒަމް ތަރައްގީކޮށް، އިގުތިސާދީ ހަރަކާތްތައް ފުޅާކުރުމަށް މި ސަރުކާރަށް މިވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކޮށްދެވިފައި ނުވާއިރު، ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކަށް ވެސް ސަރުކާރުން ދަނީ ފާޅުގައި ހުރަސްއަޅަމުންނެވެ.