ގދ. ފަރެސްމާތޮޑާ ކައިރީ އޮންނަ ފަޅުރަށަކުން ގަވާއިދާ ހިލާފަށް ވެލި ނެގި ބަޔަކު ހުއްޓުވައި، ނެގި ތަނަށް އެ ވެލިތައް އަޅުވައިފި އެވެ.

ބޮޑު ދޯންޏަކަށް ބަރުކޮށްފައި ހުރި ވެލި ބަސްތާތައް، ރާޅުޖަހާ ހިސާބު ގޮނޑުދޮށަށް އަޅައި ހުސްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އެ ރަށު ކައުންސިލުން ފޭސްބުކްގައި ވަނީ އާންމުކޮށްފަ އެވެ.

އެ ކައުންސިލުން ވަނީ ފަޅުރަށްތަކުން ވެލި ނެގުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަން ހަނދާންކޮށްދީފަ އެވެ.

"އަޅުގަނޑުމެންގެ ރަށްތައް ހިމާޔަތްކުރުމުގައި އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް،" އެ ޕޯސްޓުގައިވެ އެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް މުހައްމަދު ސަބާހު "މިހާރު" އަށް ވިދާޅުވީ ވެލި ނެގީ އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށަކުން ކަމަށެވެ. އެކަން ކައުންސިލްގެ ސަމާލުކަމަށް އައުމާ އެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށި ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ޒަމާންތަކެއް ވަންދެން ވެލި ނެގުމުން، އެ ރަށް ކައިރީގައި އޮތް ފަޅު ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ، އެކަން އަލުން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތައް އެޅީ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލި ނެގި ފަޅުރަށަކީ ވީޑިއޯއިން ފެންނަ ގޮތުގައި ރީތި ގޮނޑުދޮށަކާއި މޫދު އޮތް ހިތްގައިމު ރަށެކެވެ.

ރަށްރަށުން ވެލި ނެގުމަކީ، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި ރަށްތައް ގިރުން ހުއްޓުވަން މިހާރު މަނާ ކަމެކެވެ. އެކަމަކު، އެކި މަސައްކަތްތައް ކުރަން މިހާރު ވެސް ރަށްރަށުން ވެލި ނެގުމަކީ އާއްމު ކަމެކެވެ.