އަލިމަސް ކާނިވާ ސަރަހައްދުގެ ލޭންޑް ސާވޭއެއް ހަދައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އިއުލާން ކޮށްފި އެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި ކައުންސިލުން ކުރި އިއުލާނުގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރަން އެދިފަ އެވެ. ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނުން އަންނަ މަހުގެ ދެ ވަނަ ދުވަހު މައުލޫމާތު ސާފުކޮށް، އަގު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.
އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަނި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ އިއުލާނުގައި ބުނީ މައުލޫމާތު ސާފުކުރަން ނުދާ މީހުންނާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ މީހުންގެ އާންދާސީ ހިސާބު ބަލައި ނުގަންނާނެ ކަމަށެވެ.
ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މާލެ ސިޓީ ކައުންސިލުން ނިންމީ ޖުލައި 2024ގަ އެވެ. މާލޭގެ މޭޔަރަކަށް އޭރު ވެސް ހުންނެވި އާދަމް އާޒިމް ވަނީ ކާނިވާ ސަރަހައްދު ވަރަށް ބޮޑަށް ބާވެ، އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް އަނިޔާއެއް ވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެހެންވެ ސިޓީ ކައުންސިލުން 2024 ގައި ކާނިވަލުގެ ސްޓޭޖު ތަޅާލައި، އެތަނުގައި އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރި އެވެ.
އެކަމަށް އެދި ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެ މަޝްރޫއު ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށެވެ.
އެކަމަކު އެ މަސައްކަތް ނުފެށި އުޅެނިކޮށް، އިތުރު އެގްރީމަންޓެއް އޮތްކަން ކައުންސިލަށް އެނގިގެން ޔޫއެޗް އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރި އެވެ. ފަހުން އެއްވެސް މަސައްކަތެއް އެ ތަނުގައި ނުކުރާއިރު، މާލޭ ސިޓީ ކައުންސިލުން ލިޔެކިޔުން ބަލަހައްޓާފައިވާ ގޮތާ ގުޅިގެން ގިނަ މައްސަލަތަކެއް ވެސް ފެންމަތިވި އެވެ.
އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ އަހަރު ސަރުކާރުން ހުޅުވި ތަނެކެވެ. އެ ކާނިވަލުގައި ހުންނަ ސްޓޭޖު ބޭނުންކުރީ ސިޔާސީ ހަރަކާތްތަކަށާއި މިއުޒިކް ޝޯތަކަށެވެ. ނަމަވެސް އެތަން މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ.