ކާނިވާ ސްޓޭޖު ތަޅާލުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައި ވާތީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް އެ މަސައްކަތް ނިމެންދެން ނެގުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.
ސިޓީ ކައުންސިލްގެ އިއުލާނެއްގައި ބުނީ ކާނިވާ ސަރަހައްދުގައި ހުންނަ ސްޓޭޖްގެ މަތިން ދަގަނޑު ޓްރަސް އަޅައިގެން ހަދާފައިވާ ބައިތައް ފީވެ، ހަލާކުވެގެން އޭގެ ބައެއް ބައިތައް ވެއްޓެމުންދާ ކަމަށެވެ.
އެހެންވެ، އެ ސަރަހައްދަށް ވަދެނުކުމެވާ މީހުންނާއި ދުއްވާ އެއްޗެހީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސްޓޭޖްގެ ދަގަނޑުން ހަދާފައިވާ ބައިތައް ރޫޅާލައި، އެ ތަކެތި ނަގައި، ތަން ހުސްކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ ކާނިވާ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކުގެ ވެރިފަރާތްތަކުންނާއި ވެހިކަލްތައް ދުއްވާ އަދި ބަލަހައްޓާ މީހުން މިރޭ 11:30 ގެ ކުރިން އެ ސަރަހައްދުން ވެހިކަލްތައް ނަގައި އެތަން ހުސްކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ސްޓޭޖް ރޫޅާލުމުގެ މަސައްކަތް ނިމެންދެން އެ ސަރަހައްދު ހުސްކޮށް ބާއްވައިދިނުމަށް ވެސް ސިޓީ ކައުންސިލުން އެދިފައިވެ އެވެ.
އަލިމަސް ކާނިވާ ސަރަހައްދުގެ ލޭންޑް ސާވޭއެއް ހަދައިދޭނެ ބަޔަކު ހޯދަން ވެސް މާލޭ ސިޓީ ކައުންސިލުން މިދިޔަ މަހު އިއުލާންކޮށްފައިވެ އެވެ.
ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މާލެ ސިޓީ ކައުންސިލުން ނިންމީ ޖުލައި 2024 ގަ އެވެ. މާލޭގެ މޭޔަރަކަށް އޭރު ވެސް ހުންނެވި އާދަމް އާޒިމް ވަނީ ކާނިވާ ސަރަހައްދު ވަރަށް ބޮޑަށް ބާވެ، އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް އަނިޔާއެއް ވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެހެންވެ ސިޓީ ކައުންސިލުން 2024 ގައި ކާނިވަލުގެ ސްޓޭޖު ތަޅާލައި، އެތަނުގައި އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރި އެވެ.
އެކަމަށް އެދި ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. އެ މަޝްރޫއު ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށެވެ.
އެކަމަކު އެ މަސައްކަތް ނުފެށި އުޅެނިކޮށް، އިތުރު އެގްރީމަންޓެއް އޮތްކަން ކައުންސިލަށް އެނގިގެން ޔޫއެޗް އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރި އެވެ. ފަހުން އެއްވެސް މަސައްކަތެއް އެ ތަނުގައި ނުކުރާއިރު، މާލޭ ސިޓީ ކައުންސިލުން ލިޔެކިޔުން ބަލަހައްޓާފައިވާ ގޮތާ ގުޅިގެން ގިނަ މައްސަލަތަކެއް ވެސް ފެންމަތިވި އެވެ.
އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ އަހަރު ސަރުކާރުން ހުޅުވި ތަނެކެވެ. އެ ކާނިވަލުގައި ހުންނަ ސްޓޭޖު ބޭނުންކުރީ ސިޔާސީ ހަރަކާތްތަކަށާއި މިއުޒިކް ޝޯތަކަށެވެ. ނަމަވެސް އެތަން މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ.