ތިލަފުށީގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދަން ވެމްކޯއިން ނިންމާފައި ވާތީ ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ. 

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް އިއްޔެ "މިހާރު" އަށް ވިދާޅުވީ އަލިފާންގަނޑު މިހާރު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެނދި ކުނިތައް އެތަނުން ނަގައި، ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ފިއްޓޭ ވިދާޅުވީ ކުނބުރުދޫގައި ގާއިމްކުރަމުން އަންނަ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ މަސައްކަތް އަދި އެއްކޮށް ނިމިފައިވާ ތަނެއް ނޫން ކަމަށެވެ. ކުނި އަޅަން ބޭނުންވާ ކޮންކްރީޓް ފަންގިފިލާ ވެސް އަދި ނާޅާއިރު، ކުނިތައް ސީދާ ބިމަށް އުކާލުމުން އުފެދޭ ވިހަ ފެން ނައްތާލެވޭނެ ގޮތެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ތިލަފުށީގައި އެނދި ޕްލާސްޓިކާއި ސިނާއީ ކުނިތަކުން ޑައިއޮކްސިންސް، ފިއުރަންސް އަދި ބެންޒީން ފަދަ ކެންސަރު އުފައްދާ ބާވަތްތައް ބޭރުވެ، ވައިގެ މަގުންނާއި ފެނުގެ ޒަަރިއްޔާއިން އިންސާނުންގެ ހަށިގަނޑަށް ވާސިލުވެ، ދާއިމީ ބަލިތަކަަށް މަގުފަހިވާނެ ކަމަށް ވެސް ކުއްލި މައްސަލާގައި އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުނބުރުދުއަކީ ހިމާޔަތްކޮށްފައިވާ ބާވަތެއް ކަމަށްވާ ކަންޒުކަހަނބު އާލާވާ ރަށަކަށްވާ އިރު އެ ތަކެތީގެ މާހައުލަށް ވެސް ތިލަފުށިން ގެންދާ ކުނިން ގެއްލުންވާނެ އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 27 މެންބަރަކު ވޯޓުދެއްވި އިރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ އެންމެ ހަތް މެމްބަރުންނެވެ.