ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖަލަށް ލާން ހުކުމްކޮށްފައިވާ، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ގޭ ބަންދުގައި ހުންނަވާތާ ފަސް މަސް ދުވަސްވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލު މިއަދު "މިހާރު"އަށް ވިދާޅުވީ ސައީދު ގޭ ބަންދަށް ބަދަލުކުރި ގޮތަށް އަދިވެސް ހުންނެވީ ސިއްހީ ސަބަބުތަކާ ހެދި ގޭ ބަންދުގައި ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ސައީދު ގޭ ބަންދަށް ބަދަލުކުރީ މިދިޔަ ފެބްރުއަރީ މަހު 15 ގަ އެވެ.
ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
އޭގެ އިތުރުން ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ވެސް ސައީދުގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.
އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.