ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފި އެވެ. 

ކަރެކްޝަނަލް ސާވިސްގެ ތަރުޖަމާނު އައިމިނަތު ޔުސްރީން ވިދާޅުވި ގޮތުގައި ސައީދު ގޭބަންދަށް ބަދަލުކޮށްފައިވަނީ ވަގުތީ ގޮތުން އިއްޔެ އެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

ވަގުތީ ގޮތުން ސައީދު ގޭބަންދަށް ބަދަލު ކުރިއިރު، އޭނާ ވަނީ ސިއްހީ ހާލަތާ ގުޅޭ ކަންބޮޑުވުންތައް މީގެކުރިން ޝަރީއަތުގައި ވެސް އޭނާގެ ފަރާތުން ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން ހިތުގެ މައްސަލައަކަށް ސިއްހީ ފަރުވާ ހޯދާ ކަމަށް އޭނާގެ ފަރާތުން ބުނެފައިވެ އެވެ.

ސައީދު މިހާރު ތަންފީޒު ކުރަމުންދަނީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. އެ ޖަލު ހުކުމުގައި ހުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.

އޭގެއިތުރުން ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ވެސް ސައީދުގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. 

އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.