ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ދެންމެ އިއްވައިފި އެވެ. 

ދީނާގެ މައްޗަށް ދައުވާކުރަނީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.

އެ މައްސަލައިގައި ދީނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް މީގެކުރިން ކޯޓުން އޮތީ ކަނޑައަޅައިފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަން މިއަދު ކޯޓުގައި އަޑުއެހުމެއް ބޭއްވި އެވެ. 

އެ އަޑުއެހުމުގައި ދައުލަތުން އެދުނީ ދީނާގެ މައްޗަށް ކުށުގެ އަސާސީ އަދަބު އިއްވުމަށެވެ. އެ ކުށަކީ ބޮޑު އަދަބެއް ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ދައުލަތުން ގަބޫލުކުރިޔަސް، ދީނާއަކީ ތުއްތު ކުދިންތަކެއް އެކަނި ބަލާ މީހަކަށްވެފައި އޭނާއަށް މިކަމުން ސީދާ މަންފާއެއް ލިބިފައިނުވާތީ އަދަބު ބޮޑުކުރަން ދައުލަތުން ބޭނުމެއް ނުވެ އެވެ. 

ދީނާގެ ވަކީލް ވަނީ އޭނާގެ މައްޗަށް އެންމެ ލުއި އަދަބެއް އިއްވަން އެދިފަ އެވެ. އެގޮތުން ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ އާއި ގޭބަންދު އަދަބަށް ބަދަލުކޮށްދޭން އެދުނެވެ. އެގޮތަށް އެދުނީ އޭނާއަކީ ބަލި މީހަކަށްވެފައި، އެކަނި ތުއްތު ކުދިންތަކެއް ބަލަހައްޓާތީ އެވެ. 

ވަކީލް ވިދާޅުވި ގޮތުގައި ދީނާގެ ނޭވާލާ މައްސަލަތަކެއް ހުންނާތީ ވައި ބަންދުވާ ތަންތަނުގައި ނޫޅުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވެ އެވެ. 

 ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ނިންމެވީ ދީނާގެ މައްޗަށް ޖަލު އަދަބު ކަނޑައެޅުމަށެވެ. އެއީ، އޭނާއަކީ ޖަލު ނުބެހެއްޓޭނެ ވަރުގެ މީހެއް ކަމަށް އެެއްވެސް ޑޮކްޓަރަކު ލިޔުމެއް ދީފައި ނެތުމުންނާއި އޭނާ ކުރި ކުށަކީ މުޅި މުޖުތަމައު ފަސާދައަށް ހުށަހެޅޭ ކުށަކަށްވާތީ އެވެ. 

ގާޒީ އިއްވެވީ ދައުލަތުން އެދުނު ގޮތަށް ކުށުގެ އަސާސީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. 

މި މައްސަލައިގައި ދެން ދައުވާކުރި ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް މީގެ އަހަރެެއްހާ ދުވަސް ކުރިން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެއީ އެ ކުށުގެ އެންމެ ބޮޑު އަދަބެވެ. 

ސައީދާ އެކު ދީނާގެ މައްޗަށް ވެސް ހުކުމް އިއްވަން ކޯޓުން މަސައްކަތްކުރި ނަމަވެސް، އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމުން އޭރު އެކަން ނުވީ އެވެ. އޭގެ ފަހުން ވެސް ދީނާގެ ސިއްހީ ހާލަތާ ގުޅޭ އެތައް ލިޔުމަކާ އެކު އޭނާއަށް ކޯޓަށް ހާޒިރު ނުވެވޭނެ ކަން އެންގި އެވެ. 

މި މައްސަލައިގެ އިތުރުން ވެސް ދީނާގެ މައްޗަށް އެހެން ޝަރީއަތެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އެއީ ޖޫން، 2018 ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގެ ކޮމާންޑް ސެންޓަރާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރަން ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ކުރާ ދައުވާއެކެވެ.