ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ސާބިތުވި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަށް އަދަބު ކަނޑައެޅުމަށް މިއަދަށް ތާވަލްކުރި އަޑުއެހުން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމުން ފަސްކޮށްފި އެވެ.
ދީނާގެ މައްޗަށް ދައުވާކުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގަ އެވެ.
ދީނާގެ މައްޗަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާގެެ މައްޗަށް ހުކުމް އިއްވެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ހުކުމް ކުރުމަށް އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 10:00 ގަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ ދީނާއަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނާތީ އޭނާ މިއަދު ކޯޓަށްހާޒިރުނުކުރެވޭނެ ކަމަށް ކަރެކްޝަންސް އިން އަންގާފައިވާތީ އެވެ. ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ދީނާ ހޮސްޕިޓަލުން ދޫކޮށްލުމުން ކަމަށް ވެސް ކޯޓުން ބުންޏެވެ.
ދީނާގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
އެ މައްސަލައިގައި ދެން ދައުވާކުރި ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް މީގެ އަހަރެެއްހާ ދުވަސް ކުރިން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ސައީދާ އެކު ދީނާގެ މައްޗަށް ވެސް ހުކުމް އިއްވަން ކޯޓުން މަސައްކަތްކުރި ނަމަވެސް، އޭނާ އޭރު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމުން އެކަން ނުވީ އެވެ. އޭގެ ފަހުން ވެސް ދީނާގެ ސިއްހީ ހާލަތާ ގުޅޭ އެތައް ލިޔުމަކާ އެކު އޭނާއަށް ކޯޓަށް ހާޒިރު ނުވެވޭނެކަން އެންގި އެވެ.
މި މައްސަލައިގެ އިތުރުން ވެސް ދީނާގެ މައްޗަށް އެހެން ޝަރީއަތެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އެއީ ޖޫން، 2018 ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގެ ކޮމާންޑް ސެންޓަރާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރަން ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ކުރާ ދައުވާއެކެވެ.