ރަށުން ބޭރަށް ނުދެވޭ ގޮތަށް އަދީބު މިނިވަންވެއްޖެ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ގޭ ބަންދު ހުކުމް މިދިޔަ ހަފުތާގައި ތަންފީޒުކޮށް ނިމިފައިވާތީ އޭނާ މިނިވަންވެއްޖެ އެވެ.


އެކަމަކު އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާތީ އޭނާ އަށް ރަށުން ބޭރަށް ވަޑައެއް ނުގެންނެވޭނެ އެވެ.

ގޭ ބަންދު ހުކުމެއް އަދީބަށް އައީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއްގައި ކޯޓުގެ ހުރުމަތް ކަނޑާލުމާ ގުޅިގެންނެވެ. ބޭސްފަރުވާ މިދިޔަ މަހުގެ ތެރޭގައި އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދަ އޭނާ އަށް ދިނީ ވެސް އެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަދީބު މިހާރު ހުންނެވީ އެ ތަނުގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.

"އަދީބު ތަންފީޒުކުރަން ޖެހޭ އެއްވެސް ހުކުމެއް ނެތް. އެހެންވެ އަޅުގަނޑުމެންގެ ބެލުމުގެ ދަށަކު ނޫން ހުރީ،" އޮފިޝަލް ވިދާޅުވި އެވެ.

ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މީގެކުރިން ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، އަނބުރާ ފޮނުވާލައިފަ އެވެ. އެހެންކަމުން އަދީބުގެ މައްޗަށް މިހާރު އެއްވެސް ދައުވާއެއް ނެތެވެ.

އެކަމަކު، ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ވެސް މި މައްސަލައިގަ އެވެ.

ޖަލު ހުކުމްތަކުން އަދީބު މިނިވަންވި މައްސަލައިގައި ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި ކޯޓުތަކުގެ ނިންމުމުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލެއް ނެތެވެ.

އޭނާއާ ގުޅޭ ތަހުގީގުތައް ފުޅާދާއިރާއެއްގައި އަދިވެސް ކުރިއަށް އެބަދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލަތަކުގައި، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ފުލުހުން ވަނީ ވަރަށް ގިނަ ކުރިއެރުންތަކެއް ވެސް ހޯދައިފަ އެވެ. އެއީ، އަދީބަށް ތުހުމަތު ކުރެވޭ މާލީ އަދި އެ ނޫން ކުށްތަކުގައި ވެސް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް ހޯދިފައި ނުވާ ވަރުގެ ބޮޑު ކުރިއެރުންތަކެއް ކަމަށް މަޖިލީހުގެ ކޮމިޓީގައި އިމްރާން ވަނީ ވިދާޅުވެފަ އެވެ.