ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިތާ މަހެއް ވަނިކޮށް، ބަލިހާލަތު ހުރި ގޮތުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދީނާ ވަގުތީ ގޮތުން ގެއަށް ބަދަލުކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަމަށެވެ.  

އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 27 ވަނަ ދުވަހު އިއްވީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމަކާ ހެދި އެވެ. 

ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގައި އޭނާގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. 

އެ އަޑުއެހުމުގައި ދައުލަތުން އެދުނީ ދީނާގެ މައްޗަށް ކުށުގެ އަސާސީ އަދަބު އިއްވުމަށެވެ. އެ ކުށަކީ ބޮޑު އަދަބެއް ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ދައުލަތުން ގަބޫލުކުރިޔަސް، ދީނާއަކީ ތުއްތު ކުދިންތަކެއް އެކަނި ބަލާ މީހަކަށްވެފައި އޭނާއަށް މިކަމުން ސީދާ މަންފާއެއް ލިބިފައިނުވާތީ އަދަބު ބޮޑުކުރަން ދައުލަތުން ބޭނުމެއް ނުވެ އެވެ. 

އެ މައްސަލައިގައި ދެން ދައުވާކުރި ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް މީގެ އަހަރެެއްހާ ދުވަސް ކުރިން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ސިއްހީ ހާލަތު ހުރިގޮތުން ސައީދު ވެސް މިދިޔަ ފެބްރުއަރީ މަހު ގެއަށް ބަދަލުކުރި ފަހުން ހުންނެވީ ގޭ ބަންދުގަ އެވެ.