ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ހުކުމް ކަނޑައެޅެންދެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ދީނާގެ މައްޗަށް ދައުވާކުރަނީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
އެ މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގަ އެވެ.
މައްސަލަ ބައްލަވާ ގާޒީ ކަނޑައަޅުއްވާފައިވަނީ ދީނާގެ މައްޗަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށެވެ.
އެގޮތަށް ކަނޑައެޅުމާ އެކު، ދައުލަތުން ވަނީ އޭނާގެެ މައްޗަށް ހުކުމް އިއްވެންދެން ބަންދުކުރަން އެދިފަ އެވެ. އެހެންވެ، ގާޒީ ނިންމެވީ މައްސަލައިގެ ހުކުމް އިއްވެންދެން ދީނާ ބަންދުގައި ބަހައްޓާށެވެ.
އެ ނިންމުމާ އެކު، ޝަރީއަތުގައި ދީނާ ވަނީ ވަރަށް ގިނައިރުވަންދެން ރޮއެފަ އެވެ.
މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
މި މައްސަލައިގައި ދެން ދައުވާކުރި ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް މީގެ އަހަރެެއްހާ ދުވަސް ކުރިން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ސައީދާ އެކު ދީނާގެ މައްޗަށް ވެސް ހުކުމް އިއްވަން ކޯޓުން މަސައްކަތްކުރި ނަމަވެސް، އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމުން އޭރު އެކަން ނުވީ އެވެ. އޭގެ ފަހުން ވެސް ދީނީ ސިއްހީ ހާލަތާ ގުޅޭ އެތައް ލިޔުމަކާ އެކު އޭނާއަށް ކޯޓަށް ހާޒިރު ނުވެވޭނެ ކަން އަންގައިފަ އެވެ.
މި މައްސަލައިގެ އިތުރުން ވެސް ދީނާގެ މައްޗަށް އެހެން ޝަރީއަތެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އެއީ ޖޫން، 2018 ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގެ ކޮމާންޑް ސެންޓަރާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރަން ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ކުރާ ދައުވާއެކެވެ.