ސައީދު: އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައި - ފޮޓޯ: މިހާރު
16 އޮކްޓޯބަރ 2025 - 21:29
ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރަކަށް ހުުންނެވި އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.
ހިޔާނާތުގެ ދައުވާއެއް ސާބިތުވެ، މިހާރު ވެސް ޖަލު ހުކުމެއްގައި ހުންނެވި ސައީދުގެ މައްޗަށް އައިސްޕްލާންޓް މައްސަލާގައި އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ. އެއީ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެ ދައުވާއެކެވެ.
މި ދައުވާއާ ގުޅޭ އިބްތިދާއީ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވައި ދައުލަތުން ވަނީ ދައުވާ ސައީދުގެ މައްޗަށް އިއްވައިފަ އެވެ. އެ ދައުވާ އިއްވުމުން ސައީދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެންވެ، ދައުވާ ސާބިތު ކުރަން ދައުލަތުގެ ފަރާތުން ހުށަހަޅައި ހެކި ހާމަކޮށްފައި ވެ އެވެ.
އަދި، ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް ވެސް ދައުލަތުން އެދުނެވެ. ދައުލަތުން އެދުނީ ކޯޓަށް އައިސް ހެކިތައް ބެލުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ޝަރުތަކެއް ކުރުމަށް ފަހު، ހެކިތަކުގެ މައުލޫމާތު ދިފާއުއާ ހިއްސާކުރުމަށެވެ.
މި މައްސަލާގައި ދެން ބާއްވާ އަޑުއެހުމެއްގައި އޮންނާނީ ސައީދުގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމެވެ.
އައިޕްލާންޓްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި ސައީދުގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ޕީޖީން ބުނީ އޭޕްރީލް 30، 2023 ގައި ފެނަކައިގެ އެމްޑީގެ ގޮތުގައި ހުރެ، ފެނަކަ އާއި ފިޝަރީޒް މިނިސްޓްރީއާ ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި އެ ރަށުގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި 11.3 މިލިއަން ރުފިޔާއަށް އެ އައިސްޕްލާންޓު ގަތް ކަމަށެވެ.
އެކަން ކުރީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔަކާ ނުލާ ކަމަށާއި ފެނަކައިގެ ބިޒްނަސް ޕްލޭނުގައި ވެސް އެ އައިސްޕްލާންޓަކީ ފައިނޭންޝަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫން ކަމަށް ބަޔާންކުރާ ކަމަށެވެ. ޕީޖީން ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ އާންމު ބައްދަލުވުމުގައި ސެޕްޓެމްބަރު 7، 2023 ގައި ސައީދު ބައިވެރިވެ މަޝްވަރާކޮށްގެން އައިސްޕްލާންޓް ގަންނަން ނިންމި ކަމަށެވެ.
ޕީޖީން ބުނި ގޮތުގައި ފެނަކައިން އިންހައުސްކޮށް މާމެންދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން އެ ބައްދަލުވުމުގައި ސާފުކޮށްނުދީ އެ ވާހަކަ ހުއްޓުވައި، ފެނަކަ އާއި ކައިޒާން އިންވެސްޓްމަންޓާ ދެމެދު ހަމަ އެ ތާރީހުގައި އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެެވެ. އެއްބަސްވުމުގެ ދަށުން 11.3 މިލިއަން ރުފިޔާ ކައިޒާން އިންވެސްޓްމަންޓަށް ފެނަކައިން ދެއްކުމަށް މަގުފަހިކޮށްދީ، އެ ފައިސާ އެ ކުންފުންޏަށް ދައްކަން ޖެހޭ ގޮތަށް އެއްބަސްވުން ހަަދައި ސޮއިކޮށްފައިވާ ކަމަށް ޕީޖީން ބުންޏެެވެ.
ސައީދު މިހާރު ހަތަރު އަހަރުގެ ޖަލު ހުކުމެއްގައި ހުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމްދާ
17 October 2025
މީ ހާދަ ގަދަފަދަ ކޮށް އުޅުނު ބޭފުޅެކޭ ދޮއްތޮ.
އަބްޑޫޅް +
17 October 2025
ޙޫމް، އިންކާރު ކުރާނެ، ދޯ ޯ ޯވ؟
މަނަދޫ
17 October 2025
އޭސީސީއަށް ތިޔަ އައިސްޕްލާންޓްގެ މައްސަލައާއި ގުޅިގެން އަހަރެން މައްސަލައެއް އޮންލައިންކޮށް ހުށަހެޅީމެވެ. ނަމަވެސް އެއިރު ތިޔަކަންތަށް ހުއްޓުވެން އޮވެ ނުހުއްޓުވައި އަހަރެންނަށް ޖަވާބު ދިނީ ތިޔަކަމަކީ ފެނަކަ ބޯޑުން ނިންމައިގެ ގަވާއިދުގެ ތެރެއިން ހިނގާ ކަމެއްކަމަށެވެ. އަޅެ މިހާރު ކޮން ޑްރާމާއެއް މިކުޅެނީ؟ ހީވަނީ އޭސީސީގެ މެންބަރުންގެ ވަޒީފާގެ ހިމާޔަތުގައި އުޅޭހެންނެވެ.
މައްސަލަ
17 October 2025
ތިއީ ގާނޫނީ ގޮތުން ނުވާނެ ކަމެއް. ދޮގު ހަދާ އޮޅުވާލުން ތިޔަށް ކިޔާނީ
ކަކުނި އޭސީސީ
17 October 2025
ފެނަކައިގެ ކޮރަޕްޝަންއޭ ކިޔަން އޭސީސީ މެންބަރުން ލަދު ގަންނަން ޖެހެނެއެވެ. އެމްޑީޕީގެ ވެރިކަމުގައި އޭސީސީ އޮތީ ނިދާފައެވެ. ދެން މިހާރު ހަދާހެން ދޭތެރެއަކުން ކުރީގެ ސަރުކާރުގެ ވެރިޔެއްގެ މައްސަލަ ދޭތެރެއަކުން ބަލާފާނެއެވެ. ފެނަކައިގެ ތެރޭގައި މިހާރު ހިންގާ ކޮރަޕްޝަން ނުބަލާ އަނެއް 5 އަހަރުފަހުން ވެރިކަން ނިމުނީމާ އެސީސީއަށް އަނެއް މޫސުންފެށޭނެއެވެ. އޭސީސީގެ ޢަމަލު ފެށުނީއްސުރެން ހުރީ އެއިރެއްގެ ވެރިކަން ހިމާޔަތްކުރުމާއި ގުޅިފައެވެ.