ފެނަކައިގެ ކުރީގެ އެމްޑީ ސައީދު.
28 ސެޕްޓެމްބަރ 2025 - 18:33
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަހުމަދު ސައީދު (ފެނަކަ ސައީދު) ހުންނެވި ދުވަސްވަރު ހިންގި ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ހަތަރު އަހަރަށް އޭނާ ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.
އޭނާގެ މައްޗަށް އެ ކުށް ސާބިތުވުމާ އެކު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވީ، އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށާއި އަދަބު މަތިވާ ހާލަތެއް ނެތް ކަމަށް ދައުލަތުން ބުންޏަސް ގާޒީ އަށް ލިބޭ އިހުތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރެވޭ ކަމަށެވެ. އެހެންވެ، ކަމާ ގުޅޭ މާއްދާ އަށް ރިއާޔަތްކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ކަމުގައިވާ ހަތަރު އަހަރުގެ ޖަލު އަދަބު ކަނޑައަޅަންޖެހޭ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގުން އާންމުވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވެ، ކޮރަޕްޝަންގެ އަމަލުތައް ހިންގުމަކީ އާދައިގެ މަތިން އާންމު އުސޫލުން ހިނގާ ކަމެއްގެ ގޮތުގައި ބެލެވޭ މިންވަރަށް އެކަން އާންމު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮރަޕްޝަން ހިންގާ މީހުންނަށް އަދަބު ލިބޭ ތަން ފެންނަނީ މަދުން ކަމަށާއި އަދި އަދަބު ލިބޭ ނަމަ އެ ލިބޭ އަދަބަކީ ވެސް ނިސްބަތުން ކުޑަ އަދަބަކަށް ވުމަކީ، މިފަދަ އަމަލުތައް ހިންގާ މީހުންނަށް ލިބޭ ހިތްވަރަކަށް ވާތީ އެންމެ ހަރުކަށި އަދަބު ކަނޑައަޅަންޖެހޭ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.
އަދަބު މަތިކުރަންޖެހޭ ސަބަބުގެ ގޮތުގައި އިސްގާޒީ ވިދާޅުވީ، މި މައްސަލާގައި ހިމެނެނީ، އެއްބަސްވުންތަކެއް ހަދައިގެން މަސައްކަތް ނުކުރާ ބަޔަކަށް ގިނަ އަދަދެއްގެ ފައިސާތަކެއް ފެނަކައިގެ އިސްވެރިން ދީފައިވުން ކަމަށެވެ. ރައްޔިތުންގެ ފައިސާއިން ހިންގާ ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިބޭ މީހުން ހިންގާ ބޮޑެތި ކޮރަޕްޝަން އަމަލުތަކުގެ ސަބަބުން، އެ ކުންފުނިތަކުގެ ތެރޭގައި ވެސް ކޮރަޕްޝަނަށް ދޮރު ހުޅުވި، އެ ފަސާދަ ފުޅާވެގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމަކަށް ވާތީ އެ މީހުންގެ މައްޗަށް، އެ ކުށާ ގުޅިގެން ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.
އެ މައްސަލައިގައި ބްލޭޒް ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލާގައި ސައީދުގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި ބްލޭޒަން ކުންފުނިން މަސައްކަތް ނިންމިކަން އަންގާފައި ނުވަނީސް އިތުރު އެއްބަސްވުމެއް ހަދާފައި ވުމަކީ ވެސް ދައުވާ ކުރި އެއް ސަބަބެވެ.
ސައީދުގެ އިތުރުން ފެނަކައިގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ. އެކަމަކު، އޭނާގެ ބައި މިއަދަކު ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތިހާމް ހުސައިން
29 September 2025
ވައްކަން ހުއްޓުވަން ޖެހޭ. އެކަން ކުރެވޭނީ މިހެން. އެކަން ކުރާ މީހުންނަށް ފިޔަވަޅު އަޅައިގެން.
އަހްމަދު އަފްލާހް
29 September 2025
މީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސަރުކާރަކުން ކުރި އެއްމެ ރަނގަޅު ކަންތައް.
ދިހާމް ހުސައިން
29 September 2025
މުޅި ފެނަކަ ދަވާލި މީހާ މިއީ. އެޔޮށް ރަނގަޅަށް ހިގަހިގާ އޮތް ކުންފުނި ހަމަ ދަވާލާފި
ތިހާމް ހުސައިން.
29 September 2025
އަލްހަމްދުލިﷲ. އުފާވެރި ހަބަރެއް. މިކަން ކުރަން ލަސްވެސްވެއްޖެ.
ހުވަދޫކޫދުން
29 September 2025
ރާއްޖޭގެ ގިނަ ކުންފުނިތަކުގަ ހުވަދޫ ބޭފުޅުން އެމްޑީ މަޤާމްތަކުން ފެނޭ އަދި ކޮރަޕްޝަން އާ ވަރަށް ދޯޅަކަމަށްވޭ.
އަފްރާސިޔާބު
29 September 2025
ހއ. ހދ. ށ. ނ. ރ. ބ. ޅ. އއ. އދ. ފ. ދ. ތ. ލ. ގއ. ގދ. ސ އަތޮޅަކީ ވަގުން ގިނަ އަތޮޅުތައް. އަތޮޅުތަކުގެ ތެރެއިން ރަންވަނައަކަށް ހޯދާ ކ. ގެ މީހުން. މިމީހުންގެ ތެރެއިން ޚާއްސަކޮށް މާލޭގެ ބޭފުޅުންނަކީ ކުރިއަރާފައިވާ ބައެއް. އެކަމަކީ އަންޒަމާނުގެ އާދައެއްގެ ގޮތަށް ޚިޔާނާތް ހިންގާ ބައެއް.
އަވަސްނިޔާ
29 September 2025
ތިގޮތަށް ޝައްކުކުރެވޭ އެންމެންގެ މައްސަލަތައް ދުވަހުން ދުވަހަށް ބަލައި ހުކުމްކުރާނަމަ އިތުރަށް ބަޔަކު ދައްކާނެ ވާހަކައެއް ގެއްލޭނެ އަބުރެއް ނޯންނާނެއެވެ. ވއ.
ކަޑަބޮއް ސައީދު
29 September 2025
މަސްދުވަސް ނުވަނީސް ތިޔަ މީހާ ނިކުންނާނެ ޖަލުން. އެއްވެސްކަމެއް ނޫން ތިޔަކީ އެއް/
އަސަރަފަ
29 September 2025
މިއޮތީ މިގައުމުގެ ހާލަތު ފެންނަށް. ވަގުންގެ ވާހަކަ ދައްކަން މިނިކުންނީ މިކަހަލަ ވަގުން. އިނދިކޮޅު ލީޑާޝިޕް އެބަޖެހޭ ސާފު ކުރަން. އެހެން ނޫނީ ދެންވެސް ވާނީ މިހެން
އޮނަރަބްލް އަފީފު ދީދީ
29 September 2025
އަދުލާއި އިންސާފަކީ މުޅިންތަފާތު ދޭއްޗެއް ކަމުން އެމްޑީޕީ ސަރުކާރުގެ ރުހުމާއި ލޯބި ލިބިވަޑައިގެން ހުންނަވައި ފެނަކަ ކުންފުނި ތޮށިގަނޑަކަށް ހަދާލި ކުންފުނީގެ އެމްޑީގެމައްޗަށް "ނަމަކަށް އިންސާފު ޤާއިމް ކުރެވިއްޖެކަމަށް" ދެކޭ ބަޔަކުވެސް ތިބެދާނެ. އެހެންނަމަވެސް ޝަރުޢީ ޤާނޫނީ އަދުލުވެރި އިންސާފަށް ބަލާނަމަ ރައްޔިތުންގެ ފައިސާއިން ކުރި ވައްކަމުގެބަދަލު އަބުރާނުހޯދޭނަމަ، އެތައް މިލިޔަން ރުފިޔާ މިލްކް ކުރުމަށް 4 އަހަރުގެ ޙުކުމަކީ އަދުލު އިންސާފުތޯ؟!
އިބްރާމް
29 September 2025
ޢަދުލު އިންޞާފު ޤާއިމު ކުރަންތިބޭ މީހުންގެ ތެރޭގައި، ޢަދުލު އިންޞާފު ޤާއިމު ނުކުރުމާއި ސިޔާސީ ނުފޫޒު ގަދަވެ ވަކިހިއްޕާފައި ވުމުން ހިންގަމުންދާ ބޭއިންޞާފު ނިންމުންތައް ބަލައި 'އަދަބު' ދޭންވެސް ޖެހޭ ...