އެމްޕީއެލް އަށް އެފްއެސްއެމުން ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލުނު މައްސަލައިގައި ދައުވާ ލިބުނު ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލާން ހުކުމްކޮށް ބަދަލުގެ ގޮތުގައި ދައުލަތަށް 6.7 މިލިއަން ރުފިޔާ ދައްކަން އަމުރުކޮށްފި އެވެ.
އެމްޕީއެލްއަށް ތެޔޮ ހޯދަން 2018-2020 ވަނަ އަހަރާ ދެމެދު އެތައް މިލިއަން ލީޓަރެއްގެ ތެޔޮ ގެއްލުމުގައި އެމްޕީއެލާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ބައިވެރިވި މައްސަލައެއް ފެންމަތިވި އެވެ. މި ހިޔާނާތް ފަޅާއަރައި، މައްސަލަ ބެލުމަށް ފަހު މުވައްޒަފުންތަކެއް ވަކި ވެސް ކުރި އެވެ. ނަމަވެސް، މި ހިޔާނާތުގައި އެމްޕީއެލަށް ގެއްލުނު ފައިސާ މިހާތަނަށް ވެސް ހޯދިފައެއް ނުވެ އެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތުން މުހައްމަދު އައިމަން، ވާރުގެ ސ. ފޭދޫ އާއި ބަންގްލަދޭޝް މީހެއް ކަމަށްވާ ސޮޖިބްގެ މައްޗަށް ދައުވާކުރި އެވެ. އެމީހުންގެ މައްޗަށް އުފުލީ ހިޔާނާތްތެރިވުމުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.
އައިމަންއަކީ މި ހިޔާނާތް ހިންގިއިރު އެމްޕީއެލްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރި މީހެކެވެ. އޭނާ ވަނީ އެމްޕީއެލްއަށް ނުލިބޭ ތެޔޮ ލިބުނު ކަމަށް ބަޔާންކޮށް ޑެލިވަރީ ނޯޓުގައި ސޮއިކޮށްފަ އެވެ. ޖުމްލަ 783،100 ލީޓަރުގެ ތެޔޮ ލިބިފައިވާ ކަމަށް ދައްކުވައި އެއަށްވާ 6.7 މިލިއަން ރުފިޔާ އެފްއެސްއެމްއަށް ދައްކާފައިވެ އެވެ.
ސޮޖިބްއަކީ އެފްއެސްއެމްގެ ތެޔޮ ބައުޒަރުގެ ޑްރައިވަރުގެ މަގާމުގައި ހުރި މީހެކެވެ. އޭނާ ވަނީ އެމްޕީއެލްއަށް ތެޔޮ ޑެލިވާކުރުމުގެ މުއާމަލާތުގެ ތެރެއިން ތެޔޮ 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް އޭގައިވާ ޑީސަލް އެމްޕީއެލްއަށް ފޯރުކޮށްދިން ކަމަށް ދެއްކުމަށްޓަކައި މަސައްކަތްކޮށްފަ އެވެ.
މި ކުށް ދެ މީހުންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ހިޔާނާތްތެރިވި މައްސަލައިގައި އަށް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި ބަދަލުގެ ގޮތުގައި ހިޔާނާތްތެރިވި ތެޔޮގެ އަގު ކަމަށްވާ 6.7 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ދެ މީހުންގެ މައްޗަށް ވަނީ އަންގައިފަ އެވެ.
ސައްހަ ނޫން ލިޔުން އުފެއްދި ދައުވާގައި އައިމަން އާއި ސޮޖިބްގެ މައްޗަށް އިއްވީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
މި ހިޔާނާތާ ގުޅިގެން އައިމަން ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ ހުށަހެޅުމުން އަލުން ވަޒީފާދީ، ބަދަލު ނަގައިދޭން އެންގި އެވެ. ނަމަވެސް، ހައި ކޯޓުން ވަނީ އައިމަންއަށް ވަޒީފާ އަލުން ދޭން ނުޖެހޭ ކަމަށް ނިންމައި، ބަދަލުގެ ގޮތުގައި އެއް ރުފިޔާ އައިމަންއަށް ނަގައިދީ، އެ ހަތް ދުވަސް ތެރޭގައި ދެއްކުމަށް އެމްޕީއެލްގެ މައްޗަށް އަންގައިފަ އެވެ.