ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ހުކުމް ކުރުން ފަސްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި ފުއްގިރި މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 13 ވަނަ ދުވަހު ނިންމާލައްވަމުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ އެ މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް އޮންނަނީ މި މަހުގެ 29 ވަނަ ދުވަހުގެ އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުން މާދަމާގެ ތާވަލު ނެރުނުއިރު އެ މައްސަލަ ހިމަނާފައެއް ނުވެ އެވެ. އަދި މާދަމާ އެ އަޑުއެހުން ނެތް ކަން ވަކީލުންނަށް ވަނީ އަންގައިފަ އެވެ.
އެކަމަކު، އަޑުއެހުން ފަސްކުރި ސަބަބެއް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.
އެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވަމުން ޔާމީން މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ އެމަނިކުފާނުގެ މައްޗަށް އެ ދައުވާ ކުރުމުގެ އެއްވެސް އަސާސެއް ނެތް ކަމެވެ.
ފުއްގިރި މައްސަލާގައި ވެސް ޔާމީންއާ ދެކޮޅަށް މައިގަނޑު ހެއްކެއްގެ ގޮތުގައި ތިބީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ. އަދި އެ ދެ މީހުންގެ ހެކިބަހުގެ ސައްހަކަމާ މެދު ޔާމީން ސުވާލު އުފެއްދެވި އެވެ.
އެ ދެ މީހުންނަކީ ފާސިގުން ކަމަށާއި އަދި އެއީ ޔާމީންއާ މެދު އަދާވަތްތެރިކަން އޮތް ދެ މީހުން ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވަމުން ޔާމީންގެ ވަކީލުން ވިދާޅުވެފައިވަނީ އެ ދެ މީހުންގެ ހެކިބަހުގެ މައްޗަށް އެއްވެސް ބުރަދަނެއް ދީގެން ޔާމީންގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ.
ޔާމީން ރިޝްވަތު ނެންގެވި ކަމަށް ދައުލަތުން ބުނާއިރު، ރިޝްވަތު ދިން މީހެއްގެ ގޮތުގައި ދައުލަތުން ދައުވާކުރި ކްރިކް ރިޒާގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފައިވާތީ ވެސް ވަކީލުން ސުވާލު އުފެއްދެވި އެވެ. އަދި، މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިން ކަމަށް ބުނެ ސަންގެ ދެ ކުންފުންޏަކަށް ކުރި ދައުވާ ސާބިތެއް ނުވެ އެވެ. އެ މައްސަލަ އިސްތިއުނާފު ނުކުރަން ވެސް ދައުލަތުން ވަނީ ނިންމައިފަ އެވެ.
އެހެންވެ، އެ މައްސަލާގައި ހިމެނޭ އެހެން މީހުން ދޫކޮށްލުމަށްފަހު ހަމައެކަނި ޔާމީންގެ މައްސަލައިގައި ދައުލަތުން ދައުވާކުރާތީ ދައުލަތުގެ ނިޔަތާ މެދު ވެސް ޔާމީންގެ ފަރާތުން ސުވާލު އުފެއްދެވި އެވެ.
އެ މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީނަށް ދައުވާކުރާ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އަދި އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ އެ މައްސަލަ ސާބިތުވާ ކަމަށް މީގެކުރިން އެ ކޯޓުން ކަނޑައަޅާފައި އޮތް ނިންމުން ހައި ކޯޓުން ބާތިލްކޮށް އަލުން މައްސަލަ ބަލަން އަންގާފައިވާތީ ހިންގާ ޝަރީއަތެވެ.