ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރަން ފެނަކަ ކޯޕަރޭޝަނާ 20 ރަށެއްގެ މަސައްކަތް ހަވާލުކުރީ އެ ކުންފުނީގައި އެކަމުގެ ގާބިލުކަން ނެތީސް ކަމަށާއި ރައްޔިތުންނަށް އެ ހިދުމަތް ދިނުން ލަސްވީ އެކަމުގެ ސަބަބުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، 20 ރަށެއްގެ މަސައްކަތް ކުރީގެ ސަރުކާރުން ފެނަކައާ ހަވާލުކުރުމާ އެކު އެ މަސައްކަތް ހަމަ ވަގުތުން އެހެން ކުންފުނިތަކަކާ ސަބް ކޮންޓްރެކްޓަށް ހަވާލުކުރި ކަމަށެވެ.

"އޭގެ ތެރޭގައި ވެސް އެކަމުގެ ތަޖުރިބާ ނެތް ކުންފުނިތައް ތިއްބޭ. އަދި ހަވާލުކޮށްފައި އެޑްވާންސް ޕޭމަންޓް ވެސް ދިނީއޭ. އެޑްވާންސް ޕޭމަންޓް ވެސް ދީފައި އެކުންފުނިތައް ލައްވާ ވަކި ހިސާބަކުން، އަޅުގަނޑުމެން ވެރިކަމާ ހަވާލުވާން ކައިރިވި އިރުގައި ހުރިހާ މަޝްރޫއެއް ވެސް ހުރީ ހުއްޓިފައޭ. ދެން އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތިގެން އަޅުގަނޑުމެން ޓާމިނޭޓްކޮށްފަ އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ،" މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރުމަށް ފަހު މުޅި މަޝްރޫއު އެއްކޮށް ސަބްކޮންޓްރެކްޓް ކުރުމަކީ މާލިއްޔަތު ގަވާއިދާ ހިލާފު ކަމަކަށް ވިޔަސް، ކުރީގެ ސަރުކާރުން ފެނަކައާ ހަވާލުކުރި މަޝްރޫއުތަކުގެ ހުރިހާ މަސައްކަތެއް ވަނީ ސަބްކޮންޓްރެކްޓްކޮށްފަ އެވެ. 

"އެހެންވީމާ ހަގީގަތުގައި ކުރީ ސަރުކާރުން ހަދާފައި އޮތް ހަޑިއެއްގެ ސަބަބުން އަަޅުގަނޑުމެންނަށް ހިދުމަތް ދިނުން ލަސްތަކެއް ވެގެން ދިޔައީ،" މުއްތަލިބު ވިދާޅުވި އެވެ. 

މި ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް، 2027 ވަަ އަހަރުގެ ކުރިން ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.