ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތް ގޮތުން މަޝްރޫއުތައް ހުއްޓާލަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވަމުން ގެންދަވާއިރު، ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް އެ މަޝްރޫއުތައް ލަސްވެގެން އެ ޕާޓީގެ މަޖިލިސް މެމްބަރުން ސުވާލުކުރައްވާތީ ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ނަޝީދާއި ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން މަޝްރޫއުތަކާ ގުޅޭ ގޮތުން ކޮންމެވެސް އެއްގޮތަކަށް ވާހަކަ ދައްކަވަން މިނިސްޓަރު އެދިވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީޒުންނާ ސުވާލުކުުރުމުގެ ވަގުތުގައި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދަވަން ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ނަމަވެސް، އިގުތިސާދީ ހާލަތު އޮތް ގޮތުން ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އެހެންވިޔަސް އަމާޒަކީ މަޝްރޫއުތައް އަވަހަށް ނިންމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މިގޮތަށް މަސައްކަތް ކުރަމުން އަންނަނިކޮށް، އެމްޑީޕީން މިކަމުގައި އަމަލުކުރަމުންދާ ގޮތާ ގުޅޭ ގޮތުން ސުވާލު އުފައްދަވައި މުއްތަލިބް ވިދާޅުވީ މެމްބަރުން ކުރައްވާ ސުވާލާއި ނަޝީދު އެދިވަޑައިގަންނަވާ ގޮތް ދިމާނުވާ ކަމަށެވެ.
"އަަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ތިޔަ ބޭފުޅުންގެ ޕާޓީގެ ޗެެއާޕާސަން އެބަ ވިދާޅުވޭ މަޝްރޫއުތައް ހުއްޓާލާށޭ، ކުރިއަށް ގެންދާނެކަމެއް ނެތޭ. އެކަމަކު ތި ބޭފުޅުން މަޖިލީހަށް އައިސް ވިދާޅުވަނީ ނޫނެކޭ ކުރިއަށް ގެންދާާށޭ، ކޮންމެވެސް އެކައްޗެކޭ ވިދާޅުވާން ވެއްޖެއެއްނޫންތޯ،" މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރާ ކުރެއްވި ސުވާލުގައި މެންބަރު މައުރޫފު އެއްސެވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި، ހަ މަސް ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށްް ވިދާޅުވި މަޝްރޫއުތައް ނުނިމެނީ ކޮން މައްސަލަތަކަކާ ހެދި ތޯ އެވެ. ހަ މަސް ދުވަހުން މަޝްރޫއު ނިންމާނެ ކަމަށް ރައީސް ވިދާޅުވަނީ ހައުސިން މިނިސްޓްރީން އެމަނިކުފާނަށް ދެއްވާ މައުލޫމާތެއްގެ އަލީގައި ތޯ ވެސް އޭނާ އެއްސެވި އެވެ.
އެ ސުވާލަަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ ރައީސް އެގޮތަށް ތާރީހު ދެއްވަނީ ހަމަ ހަގީގަތުގައި ވެސް އެ މަސައްކަތްތައް އެގޮތަށް ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ. އެކަމަކު އެމްޑީޕީގެ ވެރިކަން ނިމުނުއިރު، ހުއްޓިފައި ހުރި ގިނަ މަޝްރޫއުތައް ވެސް ނިންމަން ޖެހުމާ އެކު ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހުއްޓިފައި ހުރި މަޝްރޫއުތައް ގިނަކަމާއި އެ މަޝްރޫއުތައް ހުރި ހާލަތާއި އެ މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދަން ދިމާވާ ދަތިތަކާއި އަދި މި ސަރުކާރުން ވެސް މި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަކާއި މިހުރިހާ ކަމަކަށް ބަލާއިރުގައި އަދި އެއާ އެއްކޮށް ގައުމުގެ އިގުތިސާދު އަަޅުގަނޑުމެންނާ ހަވާލުވި އިރު އޮތް މިންވަރާއި މިހުރިހާ ކަމަކަށް ބަލާއިރުގައި ރައީސުލް ޖުމްހޫރިއްޔާ ކިތަންމެ ބޭނުންފުޅުވި ނަމަވެސް ދަތިތަކާ ކުރިމަތިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވިމާ އަޅުގަނޑުމެންނަށް އެ ދަތިތަކުގެ ތެރެއިން ވެސް އެމްޑީޕީ ސަރުކާރުން ފަށާފައި ހުރި އެއްވެސް މަޝްރޫއެއް ހުއްޓާނުލައި މިސަރުކާރުގެ އެޖެންޑާގެ ތެރޭގައި ހިމެނޭ ހުރިޙާ މަޝްރޫއެއް ވެސް ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ،" މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު މިއަދު ވެސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބައެއް މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ނެތް ކުންފުނިތަކާ ކަމަށެވެ.
އެފަދަ އެއް ކުންފުންޏަކީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ޔޫޓިލިޓީގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަނެވެ. އެ ކޯޕަރޭޝަނާ ހަވާލުކުރި ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަން ސަބްކޮންޓްރެކްޓްގެ ގޮތުގައި ދީފައި ހުރީ ގާބިލު ކަމެއް ނެތް ކުންފުނިތަކާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.