އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ މީހުންގެ މައުލޫމާތު އަޕްޑޭޓް ނުކުރެވުމުގެ ސަބަބުން، ނިޔާވެފައިވާ 700 އަށް ވުރެެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނެއްހާ ރުފިޔާ ޖަމާކުރެވިފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ޝިރުނާ ވިދާޅުވީ އެ އިދާރާގެ މޮނިޓަރިން ސެކްޝަން 2020 ވަނަ އަހަރު އުވާލާފައިވާ ކަމަށާއި އެހެންވެ މޮނިޓަރިންގެ މަސައްކަތްތައް އޮތީ "ބޮއްސުންލާފައި" ކަމަށެވެ.
ޝިރުނާ ވިދާޅުވި ގޮތުގައި އިޖުތިމާއީ އެހީތެރިކަމާ ގުޅުން ހުރި ޕްރޮގްރާމުތަކުން އެހީ ފޯރުކޮށްދެވެނީ ސީދާ ހައްގުވެރިންނަށްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރެވެ އެވެ. އެ ޕްރޮގްރާމުގެ ދަށުން ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުންނާއި އިޖުތިމާއީ އެހީތެރިކަމަށް އެދޭ މީހުންނަށް މާލީ އެހީފޯރުކޮށްދެ އެވެ.
ޝިރުނާ ވިދާޅުވީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު ކަމަކީ މޮނިޓަރިން މަސައްކަތް ކަމަށް ވިޔަސް 2020 ގައި އެ ސެކްޝަން އުވައިލުމާ އެކު، އެކަން ހުއްޓިފައިވާ ކަމަށެވެ. އޭގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ ކަންބޮޑުވުމާ އެކު، ޝިރުނާ ވިދާޅުވީ ނިޔާވެފައިވާ 700 އަށް ވުރެ ގިނަ މީހުންގެ އެކައުންޓުތަކަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރެވިފައިވާ ކަމަށެވެ.
"މިއީ ކިހާ ބޮޑު ގެއްލުމެއްތޯ؟ މިހާރު އަޅުގަނޑުމެން މިދަނީ އަލުން އެ ސެކްޝަންގެ މަސައްކަތް އިޔާދަކޮށް، ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްކުރަމުން،" މިދިޔަ މެއި މަހުގެ ތެރޭގައި އެންސްޕާގެ ސީއީއޯކަމާ ހަވާލުވެވަޑައިގަތް ޝިރުނާ ދައުލަތުގެ މީޑިއާގައި ވިދާޅުވި އެވެ.
އެންސްޕާގައި 15،000 އެއްހާ މީހުން ރަޖިސްޓަރީވެފައި ވެ އެވެ. މީގެ ކުރިން އެންސްޕާގެ މޮނިޓަރިން ސެކްޝަނުން އައީ އެ ތަނުގައި ރަޖިސްޓަރީ ވެފައިވާ މީހުން މައުލޫމާތުތައް ބަލައި މަހުން މަހަށް އަޕްޑޭޓް ކުރަމުންނެވެ. އެކަމަކު ސެކްޝަން އުވައިލުމުން އެ މަސައްކަތް ހުއްޓި، ބޮޑު ގެއްލުމެއް ލިބިފައިވިޔަސް ޝިރުނާ ވިދާޅުވީ އަލުން އެ ސެކްޝަނުގެ މަސައްކަތްތައް ފަށައި، އެ ފައިސާ ދޫކުރެވެނީ އެންމެ ހައްގުވެރިންނަށްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.