ޕީއެންސީގެ އިންތިހާބުތަކާއި އެ ޕާޓީގެ ނިންމުންތައް ނިންމާނީ އެހެން ބަޔަކު ބޭނުންވާ ގޮތަކަށް ނޫން ކަމަށާއި އެކަން ކުރާނީ ޕާޓީގެ އުސޫލުތަކުގެ ތެރެއިން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 15-18 އަށް ބާއްވާ ކޮންގްރެސްގައި ޕީއެންސީއަށް ނައިބު ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުމުގައި އަތް އުފުލައިގެން ވޯޓުލާން އެ ޕާޓީގެ ވަކި ކޮމިޓީއަކުން ފާސްކޮށްފައިވާ ކަމަށް ބުނެ މީޑިއާގައި ރިޕޯޓުކުރުމުން އެ ޕާޓީން ވަނީ އެއީ ދޮގު ވާހަކައެއް ކަމަށް ބުނެފަ އެވެ. ޕީއެންސީން ބުނެފައިވަނީ ވޯޓުލުމުގެ ހުރިހާ ކަމެއް ވެސް އަދި ކޮންގްރެސް ވެސް ކުރިއަށް ގެންދަނީ އަސާސީ ގަވާއިދުގައި އޮތް ގޮތަށް ކަމަށެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސް އަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ޕާޓީއަކުން ބާއްވާނެ އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު ކޮންގްރެސްއަށް ވާނެ ކަމަށެވެ.
ގާތްގަނޑަކަށް 1،000 އަށްވުރެ ގިނަ މަންދޫބުންނާ އެކު ބާއްވާ އެ ކޮންގްރެސްއަކީ ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާނެ ޓީމު އެކުލަވައިލާނެ މަދު ހިއްސާއެއްކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ޕީއެންސީގެ ކޮންގްރެސްއަށް ފާޑު ކިޔަމުން ގެންދާތީ އެ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ފާޑުކިޔާ ފަރާތްތަކަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އެނގިވަޑައިނުގަންނަވަނީ ކަމަށެވެ.
"ކޮންގްރެސްގައި އަމަލުކުރާނެ ގޮތް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ލިޔެފައި އޮންނަންވާނެ. އަޅުގަނޑުމެން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އަޅުގަނޑުމެން ކޮންގްރެސް ބާއްވަން މި އުޅެނީ. ބަލަ އެހެން ބޭފުޅުން ބައްލަވާކަށް ނުޖެހޭ މި ޕާޓީގައި އިންތިހާބު ބާއްވަނީ ވޯޓު ފޮއްޓަށް ވޯޓު ލައިގެންތޯ، ދޮންނަ މެޝިނަށް ވޯޓު ލައިގެންތޯ، އުވަގަށާ މެޝިނަށް ވޯޓު ލައިގެންތޯ، ނޫނީ ވިއްޔާ ހައިމާކެއްގެ ދަތްގަނޑަށް ވޯޓު ލައިގެންތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި ޕާޓީން އެކަން ކުރާނީ މި ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް. ބަޔަކަށް ހަޖަމު ވިޔަސް ނުވިޔަސް، މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ބިޔަ، އެންމެ ފުރިހަމަ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުން ޕީއެންސީން މި ދަނީ."
މިހާރުވެސް ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން އަންހެނުންނާއި ޒުވާނުންގެ ގޮފިތަކުގެ ރައީސުން ކަނޑައަޅައި ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކީ ހިތްހަމަޖެހުމާއި އަމާންކަމާއި ރައްކާތެރިކަމާ އެކީގައި ނިދާލެވޭނެކަމުގެ ޔަގީންކަން އޮތް ރައްޔިތަކަށް ހަދައިދިނުމަށްޓަކައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކަމަރު ބަންނަންޖެހޭ ކަމަށެވެ.
ރައީސްގެ އަމާޒަކީ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުން ކަމަށާއި އެ މަސައްކަތް މިހާރު ވެސް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 2028 ގެ އިންތިހާބު ކާމިޔާބުކުރުމަށްވުރެ މުހިންމު ކަމެއް މިވަގުތު ނެތް ކަމަށް ވިދާޅުވި އެވެ.
ވެރިކަމަށް ނުކުންނަވަން ތިއްބެވީ މީގެ ކުރިން ވެރިކަން ދިނުމުން ފެއިލްވެފައިވާ ބޭފުޅުން ކަމަށާއި އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ދިނުމުން ގައުމަށް ވީގޮތް ރައްޔިތުންނަށް ފެންނަން އެބަ އޮތްކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.