ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ކޮންގްރެސް ނިމުނުއިރު 2028 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ޓީމް އެކުލަވާލެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ކޮންގްރެސް އިންތިޒާމް ކުރުމުގައި ބައިވެރިވި މެންބަރުންނަށް ޝުކުރު އަދާކުރަން އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ހަފުލާއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބު ފަސޭހަކަމާ އެކު ކާމިޔާބުކޮށްދެވޭނެކަން، ކޮންގްރެސް ނިންމާލެވުމުން ޔަގީންވެފައިވާ ކަމަށެެވެ. އަދި ކޮންގްރެސްގައި މަސައްކަތްކުރި ފޯރީގައި މަސައްކަތްކޮށްފިނަމަ ރިޔާސީ އިންތިހާބު ފަސޭހަކަމާ އެކު ކާމިޔާބުކުރެވޭނެކަން ޔަގީންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. .

"މަތީ މަޖިލިސް ނިމިގެން ދިޔައިރު މިއޮތީ އަޅުގަނޑުމެންގެ 2028 ގެ ކެމްޕެއިން ޓީމް ވަރަށް ރަނގަޅަށް ތަރުތީބުކުރެވިފައި. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ކާމިޔާބު، އެންމެ ފުރިހަމަ، އެންމެ އިންތިޒާމުތައް ރަނގަޅު އެންމެ ބޮޑު ކޮންގްރެެސް ނުވަތަ މަތީ މަޖިލިސް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ކަމަށާއި އަދި އެ ޕާޓީގެ ކޮންގްރެސް އަށް ގޮންޖަހާލެވޭ ވަރުގެ ކޮންގްރެސް ރާއްޖޭގައި މިހާތަނަށް ބާއްވާފައި ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެގޮތަށް ކަންކަން އިންތިޒާމް ކުރެވުނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެޕާޓީގެ ބައެއް މުވައްޒަފުންނާއި ސަޕޯޓަރުން ދެމަހެއްހާ ދުވަސް ވަންދެން ކުރި ބުރަ މަސައްކަތުންނެވެ.

ޕީއެންސީގެ މެމްބަރުންނަށް އަބްދުއްރަހީމް ގޮވާލެއްވީ ކޮންގްރެސްގައި އުފެދުނު ޕާޓީ ރޫހުގައި އެންމެ ސިކުންތެއް ވެސް ނަގާ ނުލައި 2028 ގެ އިންތިހާބަށް މަސައްކަތް ފެށުމަށެވެ. 

"ދިވެހިރާއްޖެއަށް ބޭނުންވަނީ އަޅުގަނޑުމެންގެ ފިކުރުގެ ވެރިކަމެއް. ޕީއެންސީގެ ފިކުރުގެ ވެރިކަމެއް. ގައުމީ ފިކުރުގެ ވެރިކަމެއް. ބިނާކުރަނިވި ފިކުރުގެ ވެރިކަމެއް. ބިނާކުރަނިވި ފިިކުރު މިއަދު އޮތީ ބަޔަކު އަދި ހިތްހަމަޖެހުނަސް ނުޖެހުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީގައި،" އަބްދުއްރަހީމް ވިދާޅުވި އެވެެ.

ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީން ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެޕާޓީގެ ރިޔާސީ ޓިކެޓް ރައީސަށް އަރުވައިފަ އެވެ. އަދި އެމަނިކުފާނަށް ޓިކެޓް ދޭން ނިންމީ އެކަމަށް ހުށަހެޅި ގަރާރަށް ނެގި ވޯޓުގައި ބައިވެރިިވި 1،119 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް ދިނުމުގެ ގަރާރުގައި މައިގަނޑު ގޮތެއްގައި ބުނީ ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ހިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި އެ މަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ހައްގު ކަމަށެވެ. އަދި ޕީއެންސީގެ މެންބަރުންނާއި ރާއްޖޭގެ ރައްޔިތުން އެކަން ގަބޫލުކުރާ ކަމަށް ވެސް ގަރާރުގައިވެ އެވެ.