ޕީއެންސީން އަބަދުވެސް ތަންފީޒު ކުރަމުންދާނީ އެންމެ ފުރަތަމަ ގައުމުގެ ސިޔާސަތު ކަމަށާއި ރާއްޖޭގެ ޒައްރެއްގެ މިންވަރު ވެސް ބޭރުގެ ބަޔަކަށް ނުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކޮންގްރެސް ނިންމާލުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ ޕާޓީގެ ފިކުރަކީ ވަރަށް ސާފު ސީދާކޮށް، އެއްވެސް ހިޔާލު ތަފާތުވުމެއް ނެތި އެންމެންނަށް ގަބޫލު ކުރެވޭ ފަލްސަފާއެއް ކަމަށާއި އެއީ އެންމެ ފުރަތަމަ ގައުމު ކަމަށެވެ.
އެންމެ ފުރަތަމަ ގައުމަކީ ކިތަންމެ ކުޑަ އިބާރާތެއް ކަމަށް ވިޔަސް އެއީ މި ގައުމުގެ ދެމިއޮތުމާއި ނެތިދިޔުމާ ގުޅިފައިވާ އިބާރާތެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ޕީއެންސީއަކީ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން އަންނަން އޮތް ޖީލުތަކަށް މި ގައުމު ފޯރުކޮށްދޭނެ ފިކުރު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"...މި ޕާޓީ ކުރިއަށް ދާނީ އެ ފަލްސަފާގައި، މި ޕާޓީގެ ތެރޭގައި މިކަމުގައި ހިޔާލު ތަފާތުވުމެއް ނެތް. އެހެންވީމާ އެހާ ބަދަހައީ މި ސަފުތައް. އެހެންވެ އަޅުގަނޑުމެންގެ ތެރޭގައި ނެތީ ބައިބައިވުމެއް ނެތީ. އެހެންވެ އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން މިހާ ރަނގަޅަށް މިއޮތީ،" ރައީސް ވިދާޅުވި އެވެ.
ޕީއެންސީގެ ރައީސްގެ މަގާމުގައި ހުންނެވި މުއިއްޒު ވިދާޅުވީ މުޅި ގައުމަށް ޕީއެންސީން ދޭ މެސެޖަކީ އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ މެސެޖު ކަމަށާއި އިހުލާސްތެރިކަމާ އެކު، ވެރިކަން ކުރަނީ ވެސް އެކަން އިސްކޮށްގެން ކަމަށެވެ. މި ސަރުކާރުގެ ފުރަތަމަ ސިކުންތުން ފެށިގެން ވެސް ކަންކަން ކުރަމުން އަންނަނީ މިއީ ފަހުރުވެރި އިސްލާމީ ގައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ރައްޔިތަކު ވެސް ޒިންމާދާރުކަމާ އެކު މިއަދު ކުރަންވީ ސުވާލަކީ އެންމެ ފުރަތަމަ ގައުމު އިސްކުރެވޭތޯ އެވެ. އަދި، އެކަން ކުރުމަށް ޕީއެންސީން ކުރަމުން އަންނަ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ރައްޔިތުން ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
"ޕީއެންސީގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރާ ހުރިހާ ކަމެއްގައި ވެސް ފަލްސަފާއަކީ މައިގަނޑު ސިޔާސަތަކީ މި ދެންނެވި ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ އަދުލުވެރިކަން ގާއިމު ކުރައްވަން ކަމަށާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރަން ވެސް އިސްކުރަނީ އަދުލުވެރިކަމާއި އިހްލާސްތެރިކަން ކަމަށެވެ. އެގޮތުން ޒަމާންވީ ބޮޑެތި އެތައް މައްސަލަތަކެއް މި ސަރުކާރުން ހައްލު ކުރަމުން އަންނަނީ އެގޮތުގެ މަތިން ކަމަށް ވިދާޅުވި އެވެ. އެއީ ޕީއެންސީގެ ފިކުރާއި އެހެން ފިކުރުތަކާ ހުރި ތަފާތު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިއަށް ދާނީ ބިނާކުރުމުގެ ފިކުރުގައި އަދުލުވެރިކަމާ އެކު އިންސާފާ އެކު އިހްލާސްތެރިކަމާ އެކު އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް. އަޅުގަނޑުމެން ބޭނުން ވަނީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ދެން ހުރި އެހެން ޕާޓީތަކުގައި އޮތީ ފަނާކުރުވަނިވި ފިކުރެވެ. ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ޕާޓީއަކީ ޕީއެންސީ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ ދެވަނަ ދައުރަކަށް 2028 ގެ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓް ހަވާލުކުރި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ލޯބީގައި ވާހަކަ ދެއްކޭނެ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށާއި އެހެން ޕާޓީތަކަށް އެ ހައްގު ނެތް ކަމަށެވެ. އެ ހައްގު ނެތީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޕީއެންސީން ރައްޔިތުންނަށްވީ ވައުދާ އެއްގޮތަށް މިހާރު މި ރާއްޖޭގައި ބޭރުގެ ސިފައިން ނުތިބޭނެތީ އެވެ. އެކަން އެހެން ޕާޓީތަކަށް ނުކުރެވުން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އަވަށްޓެރި ގައުމުތަކާއި އެހެން ގައުމުތަކާ އެކު ވެސް ރާއްޖޭން ރަނގަޅު ގުޅުމެއް ބާއްވާނެ ކަމަށާއި ނަމަވެސް އަބަދުވެސް އެންމެ އިސްވާނީ ގައުމާއި ގައުމުގެ މަސްލަހަތު ކަމަށެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފިކުރުން ރާއްޖެ ދަރުވާލައި، ހަރުމުދާތައް ވެސް ހުރީ ވިއްކާލާފައި ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ އެ ދަރަނިތަކުން ރާއްޖެ ސަލާމަތްކޮށް ހަރުމުދާތައް ގެންނަން ކަމަށެވެ.
"އެންމެ ފުރަތަމަ ގައުމުގެ ވިންދު ހިތުގައި ޖަހާ މީހަކު ދިވެހިންގެ ހަރުމުދާތައް ދިވެހިންގެ އަތްމައްޗަށް ގެންނަން މަސައްކަތް ކުރާ ބަޔަކަށް އެއްބާރުލުން ދޭނީ. އެއީ ޕީއެންސީގެ ފިކުރާއި އެހެން މީހުންނާ ތަފާތަކީ،" ރައީސް ވިދާޅުވި އެވެ.
ކުރީގެ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ މައި ދޮށާ ބޭރު ބަޔަކަށް ދިން ނަމަވެސް، މި ސަރުކާރުން މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި ހަދަނީ ހަމަ އެންމެ ޒައްރެއްގެ މިންވަރު ވެސް ބޭރު ބަޔަކަށް ނުދީ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެންމެ ޒައްރެއްގެ މިންވަރު ވެސް ބޭރު ބަޔަކަށް ނުދީ،" ރައީސް ވިދާޅުވި އެވެ.