ޕީއެންސީގެ ކޮންގްރެސް ރޭ ނިންމާލީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފަށަމުން ކަމަށާއި އެ އިންތިހާބު ކާމިޔާބު ކުރަން އެ ޕާޓީގެ ސަފުތައް ރުކުރުވާލާނެ ކަމަށް ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ކޮންގްރެސް ނިންމާލުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ނިންމާލަނީ ފެށުމަކާ އެކު ކަމަށާއި އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފެށުން ކަމަށެވެ. 

"އަޅުގަނޑުމެން ބުނަމުންދަނީ މި އަޒުމަށް ވަރުބަލިކަމެއް ލޮޅުމެއް ހިލާ ނާންނާނެއޭ. މި ހިތުގައި ތެދުވެރިކަމާއި ހާލިސްކަން ހުންނާނެއޭ. ވިދުވަރެއްހާ ހަލުވިކޮށް އުފެދޭ މުރާލިކޮށް އުފެދޭ ހިޔާލުގައި ހިދުމަތޭ ދޭނީ މި ގައުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަކީ ގައުމު ދެކެ ލޯބިވާ ފިކުރު ކަމަށާއި އެ ފިކުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެއްގޮތަށް ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުން ވެސް ރައްޔިތުންނާ ހަމައަށް ތިރިވެލަންޖެހޭ ކަމަށެވެ. 

ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވޭނީ ރައްޔިތުންނާ ހަމަގައި ތިބެގެން ކަމަށާއި ރައީސް މުއިއްޒު ދައްކަވަނީ އެ ނަމޫނާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"ރައީސްގެ ފަހަތުގައި ސާބިތުވެ ތިބެވެނީ އެ އުސޫލުން. އެއްގޮތަކަށް ވެސް ބޮޑާކަމާއި ކިބުރުވެރިކަމާ އެކު މިކަމެއް ނުކުރެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮންގްރެސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކޮންގްރެސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ މަނިކުފާނު ވިދާޅުވީ ޕީއެންސީގެ ކޮންމެ މެންބަރަކު ވެސް ވާންވީ ގައުމަށް ވަފާތެރި، ތެދުވެރި އަދި އިހުލާސްތެރި ބަޔަކަށް ކަމަށާއި އެހެންވެގެން ނޫނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުކޮށްދެވޭނެ ކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ކޮންގްރެސް ނިންމާލައި، ރަށަށް އެނބުރި ދިޔުމަކުން އަދި ނުނިމެ އެވެ. ދެން މަސައްކަތް ފަށަންވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސަށް ކާމިޔާބުކޮށްދިނުމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"ޒިންމާއަށް އިހުމާލުވެގެން ނުވާނެ، މަސްއޫލިއްޔަތަށް ފަރުވާކުޑަވެގެން ނުވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ކުރިމަގު ވަރަށް ސާފުކަމަށާއި އެ ޕާޓީ އޮތީ ވަރަށް ބޮޑަށް ފައްކާވެ ތައްޔާރުވެފައި ކަމަށާއި އެ ޕާޓީ އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. 

"ކޮންގްރެސް ޕާޓީގެ މެންބަރުން މިތިބީ ދެ ހިޔާލެއް ދެ ފިކުރެއް ނެތި ރައީސް މުއިއްޒުއާ އެކު، ގައުމީ ވިސްނުން އަޅުގަނޑުމެންގެ ހުރި ކަމަށްވާ ނަމަ، ގައުމީ ލޭ އަޅުގަނޑުމެންގެ ގައިގައި ހިނގާ ކަމަށްވާ ނަމަ، ގައުމީ ވިންދު އަޅުގަނޑުމެންގެ މޭގައި ޖަހާ ކަމަށްވާ ނަމަ އަޅުގަނޑުމެން ތިބެން ޖެހޭނީ ރައީސް މުއިއްޒުއާ އެކު ސާބިތުވެ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

"ގައުމީ ފިކުރު މިއަދު އޮތީ ރައީސް މުއިއްޒުއާ އެކު. އަޅުގަނޑުމެންގެ އަޒުމެއް ނުކުޑާނެ. އަޅުގަނޑުމެން ވަރުބައްޔެއް ނުވާނެ."