ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓް ދޭން އެ ޕާޓީގެ ކޮންގްރެސްގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ. 

ޕީއެންސީން މިހާރު ކުރިއަށް ގެންދާ ކޮންގްރެސްގައި ފުވައްމުލަކު ދެކުނު ދާއިރާގެ ހާއްސަ މަންދޫބު އަބްދުﷲ އިބްރާހީމް ހުށަހެޅި ގަރާރުގައި ބުނީ ރައީސް ކުރައްވަމުން ގެންދަވާ ހިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި އެ މަނިކުފާނަށް ދެވަނަ ރިޔާސީ ދައުރެއް ހައްގު ކަމަށެވެ. ޕީއެންސީގެ މެންބަރުންނާއި ރާއްޖޭގެ ރައްޔިތުން އެކަން ގަބޫލުކުރާ ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.

އެ ގަރާރު ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުންނެވެ. 

ގަރާރާ މެދު ގޮތެއް ނިންމަން ވޯޓު ނެގީ އަތް ހިއްލައިގެންނެވެ.

ޕާޓީގެ މެންބަރަކު ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރެފައި ދެވަނަ ދައުރަކަށް ކުރިމަތިލާން ޕާޓީގެ މެންބަރުންގެ މަޖިލީހަށް ހުށަހަޅައިފި ނަމަ ޕްރައިމަރީއަކާނުލައި ޓިކެޓް ދޭން ޕީއެންސީގެ އަސާސީ ގަވައިދުގައި އޮންނަ ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.

"...2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުަރިމަތިލައްވައި ވާދަކުރެއްވުަމަށް ޕާޓީގެ އެންމެހާ މެންބަރުންގެ ފަރާތުން ދެންނެވުމަށް ޓަކައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުން މި ގަރާރު އެކަށައަޅައި އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުަމަށް ރަސްމީކޮށް ދެންނެވުަމުގެ ގޮތުން މި ގަރާރު މި މަޖިލީހުން ފާސްކުރުމަށް ހުށަހަޅަމެވެ،" ރައީސަށް ޓިކެޓް ދޭން ހުށަހެޅި ގަރާރުގައި ވެ އެވެ.

ޕީއެންސީ ކޮންގްރެސްގައި މިއަދު ހެނދުނު ދަންފަޅީގެ ރިޔާސަތުގައި އިންނެވި ރައްުޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ދަންފަޅީގައި އެފަދަ ކަމެއް އައިސްދާނެ ކަމަށް ނުބައްލަވާ ކަމަށާއި މަންދޫބުންނަށް ފުރުސަތު ދެއްވީ ތިން މިނެޓް ވާހަކަ ދައްކަވަން ކަމަށެވެ.

އެކަަމަކު އެ ގަރާރު ހުށަހެޅުމުން އެ ގަރާރަށް އެއް ގަޑިއިރަށް އެ މަނިކުފާނު ހުޅުއްވައިލެއްވި އެވެ.

ގަރާރަށް ކުރި ބަހުސްގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ވަރަށް ކުޑަ ޕާޓީއެއްގެ ގޮތުގައި އޮއްވާ އެޕާޓީއަށް ވެރިކަން ލިބުނީ އެ ޕާޓީން ނެރުނު ކެންޑިޑޭޓަކީ ރާއްޖެއިން އެވަގުތު ނެރެވޭނެ އެންމެ ރަނގަޅު ކެންޑިޑޭަޓަށް ވުމުން ކަމަށެވެ.

އެ އިންތިހާބުގައި ރައީަސް ޑރ.މުހައްމަދު މުއިއްޒު ހޮވަން ވޯޓުލީ ރައްޔިތުން މިއަދު އުފާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަހުސްގައި ބައިިވެރިވެވަޑައިގެންނެވީ ޕީއެންސީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ 73 މެންބަރުންގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށެވެ. އެ މެމްބަރުން ތަމްސީލުކުރަނީ ރާއްޖޭގެ 80 ޕަސެންޓް ކަމަށާއި ރައީސް ޑރ.މުހައްމަދު މުއިއްޒު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުަގައި ވާދަކުރައްވަން އެ ރައްޔިތުން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލޮލުންބޮލުން ހިތުން އެދެމޭ، އަޅުގަނޑުމެންގެ މި ޕާޓީގެ ރައީސަށް، މިގައުމުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028 ވަނަ އަހަރުގެ ޕީއެންސީގެ ޓިކެޓް އެރުވުމަށް،" ފަލާހު ވިދާޅުވި އެވެ.

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވެސް އެ ގަރާރަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވި އެވެ.

ގަރާރުގެ ބަހުސް ނިންމުމުން ވޯޓް ރަނގަބީލު ޖެއްސެވުމަށް ފަހު އަބްދުއްރަހީމް ވިދާޅުވީ އެ ގަރާރަކީ ޕީއެންސީގެ ކޮންގްރެސްގައި ކުރާ އެންމެ މުހިއްމު މަސައްކަތް ކަމަށެވެ.