މީގެ ދެ އަހަރު ފަހުން 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޓިކެޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ ޕާޓީގެ ކޮންގްރެސް އިން ދެންމެ އަރުވައިފި އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް އަރުވަން އެ ޕާޓީގެ ކޮންގްރެސްގެ އިއްޔެގެ ހާއްސަ ދަންފަޅީގައި ފާސްކުރި ގަރާރަކުން ވަނީ ނިންމައިފަ އެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ ހާއްސަ މަންދޫބު އަބްދުﷲ އިބްރާހީމް ހުށަހެޅި އެ ގަރާރު ފާސްކުރީ އެ ދަންފަޅީގައި ބައިވެރިވި 1،119 މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް އެރުވީ މިދިޔަ އަންގާރަ ދުވަހު ފެށި ޕީއެންސީގެ ކޮންރެސް ނިންމުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން އަަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް ދިނުމުގެ ގަރާރުގައި މައިގަނޑު ގޮތެއްގައި ބުނީ، ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ހިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި އެ މަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ހައްގު ކަމަށެވެ. ޕީއެންސީގެ މެންބަރުންނާއި ރާއްޖޭގެ ރައްޔިތުން އެކަން ގަބޫލުކުރާ ކަމަށް ވެސް ގަރާރުގައި ވެ އެވެ.
މި ގަރާރު ވަނީ މި ފަހަރުގެ ކޮންގްރެސްގައި ޕީއެންސީގެ ލީޑަޝިޕަށް އިންތިހާބުކުރި މެމްބަރުންގެ އިއްތިފާގުން ވެސް މިއަދު ފާސްކޮށްފަ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި އެ ޕާޓީގެ މެންބަރަކު، ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ޕާޓީގެ މެންބަރުންގެ މަޖިލީހަށް ނުވަތަ ކޮންގްރެސް އަށް ހުށަހަޅައިފި ނަމަ، އެ ބޭފުޅަކަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް ލިބުނީ ކަމަށެވެ.