މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލައަށް އާއްމުކުރަން ޖެހޭ މިންވަރަށް މައުލޫމާތު އާއްމުކުރި، ދައުލަތުގެ ތިން ވަނަ ކުންފުންޏަކަށް ފެނަކަ ކޯޕަރޭޝަން ވެެފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާހިދު ވިދާޅުވީ ފެނަކައިން އެ މިންވަރަށް މައުލޫމާތު އާއްމުކުރި ނަމަވެސް މަސައްކަތް އެހިސާބަށް އަދި ނުނިމޭ ކަމަށާއި މައުލޫމާތު ހޯދަން މީހުން ފަރުދީ ގޮތުން ހުށަހަޅާ ހުށަހެޅުން ތަކަށް އެކަށީގެންވާ އަވަސް މިނުގައި ޖަވާބު ދިނުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމަށް އާއްމުކުރަން ޖެހޭ މިންވަރަށް މައުލޫމާތު އާއްމުކުރި ތިން ވަނަ ކުންފުންޏަށް ވުމުން އެކަން ފާހަގަކޮށް ފެނަކަ އިން ކުރި ޕޯސްޓެއްގައި ބުނީ އެއީ އެކުންފުނީގެ ހިންގުން ހަރުދަނާވެ ކޮރަޕްޝަނަށް އޮތް ފުރުސަތު ހަނިވާނެ ކަމެއް ކަމަށެވެ.

"އަދި މިއީ ފެނަކައިގެ އާ މެނޭޖުމަންޓުން ކުންފުނީގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ އިހުލާސްތެރި މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް،" ފެނަކައިން އެކްސްގައި ކުރި ޕޯސްޓްގައި ބުންޏެވެ.

ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް ހަރަދުކުޑަކުރަން، އެކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު މަސައްކަތް ފެށްޓެވި ފަހުން އެކުންފުނިން މައުލޫމާތު އާއްމުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.