ޑިފެންސް މިނިސްޓްރީން ހަދާ އެއްބަސްވުންތައް ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެއްކޮށް ސިއްރު ނުކުރެވޭނެ ކަމަށާއި ބައެއް ބައިތައް އުނިކުރުމަށް ފަހުގައި ވިޔަސް އެއްބަސްވުން ހާމަކުރެވެން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނާ އަހުމަދު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އާހިދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މައުލޫމާތު ހޯދުމުގެ ހައްގާ ބެހޭ ގާނޫނުގައި ބޮޑަށް ބާރު އަޅަނީ ވީހާ ވެސް ގިނައިން މައުލޫމާތު ހާމަކުރަން ކަމަށާއި ނަމަވެސް ހުރިހާ މައުލޫމާތެއް ހާމަ ނުކުރެވޭނެ ކަން ވެސް އެ ގާނޫނުން ބަލައިގަނެ ގަބޫލުކޮށްފައި އޮންނަ ކަމަށެވެ.
ނަމަވެސް ހާމަނުކޮށް ހިފެހެއްޓޭނީ ރައްޔިތުންގެ މަސްލަހަތަށްޓަކައި ކަމަށާއި އެފަދަ މައުލޫމާތުތަކެއް ދޫކޮށްފި ނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުންތަކެއް ރައްޔިތުންނަށް ވެދާނެތީ ކަމަށް އާހިދު ވިދާޅުވި އެވެ.
ނަމަވެސް ފަހަކަށް އައިސް ހަދާ އެއްބަސްވުންތަކުގައި "އާންމު ކުރުން މަނާ" މާއްދާތައް ހިމަނާފައި ހުންނަ ކަމަށާއި އެއީ ހާމަ ކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ މައުލޫމާތެއް ނަމަ އެބައި އުނި ކުރުމަށް ފަހު ވިޔަސް އެއްބަސްވުން ހާމަ ކުރެވެން ޖެހޭނެ ކަމަށް އާހިދު ވިދާޅުވި އެވެ.
"މިސާލަކަށް [އެއްބަސްވުމުގައި] އިނީ ނުދެވޭނެ މައުލޫމާތެއް. އެހެންވިއްޔާ އެ މާއްދާ ކަނޑާލަން ޖެހޭނެ. އޭގެ ބަދަލުގައި މިހާތަނަށް ފެންނަނީ މުޅި އެގްރީމަންޓު އެއްކޮށް ސިއްރު ކުރާތަން،" ކޮމިޝަނަރު ވިދާޅުވި އެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތް ބުނަން ޖެހޭ
އާހިދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި މައުލޫމާތުގެ ހައްގުގައި އެންމެ ބޮޑަށް ބަހުސް ކުރެވޭ އެއް މައްސަލައަކީ ގައުމީ ސަލާމަތާ ބެހޭ މައުލޫމާތުގެ މައްސަލަތައް ކަމަށެވެ. ސަބަބަކީ ރާއްޖެއެކޭ އެއްފަދައިން ގިނަ ގައުމުތަކުގައި ވެސް ގާނޫނުގައި ގައުމީ ސަލާމަތީ ކަންކަމަކީ ކޮބައިކަން ބުނެދީފައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ސެންސިޓިވް އޭރިއާއެއް ކަމަށް ވާތީ ކިރިޔާ ޑިފެންސް މިނިސްޓްރީ ނުވަތަ އެމްއެންޑީއެފާ ގުޅޭ ކަމެއް ވެއްޖެއާ އެއީ ނެޝަނަލް ސެކިއުރިޓީގެ ތަރަހައިގެ ތެރެއަށް ވެއްދޭ ގޮތް ވޭ. ރާއްޖޭގައި އެކަންޏެއް ނޫން އެހެން ގައުމުތަކުގައި ވެސް ވަނީ އެހެން،" އާހިދު ވިދާޅުވި އެވެ.
ބައެއް ޖަމިއްޔާތަކުން ނެޝަނަލް ސެކިއުރިޓީ އަކީ ކޮބައިކަން ބުނަން މަސައްކަތްކޮށްފައި އެބަހުރި ކަމަށާއި އެގޮތުން ޝުއާނީ ޕްރިންސިޕަލްސް އަކީ އޭގެ މިސާލެއް ކަމަށް އާހިދު ވިދާޅުވި އެވެ. އޭގައި ބުނާ ގޮތުން ޑިފެންސާ ގުޅޭ ކޮންމެ ކަމެއް ގައުމީ ސަލާމަތާ ބެހޭ ކަމަކަށް ނުވާނެ އެވެ. ވަކިން ހާއްސަކޮށް ޑިފެންސްގެ ޕްރޮކިއުމަންޓާ ގުޅޭ ކަންކަން އޭގެ ތެރެއަށް ނުވަންނާނެ ކަމަށް އާހިދު ވިދާޅުވި އެވެ.
"މިސާލަކަށް އެމްއެންޑީއެފްގެ ބޭސްއެއް ނުވަތަ އިމާރާތެއް ހަދަނީ. އެހެންވެއްޖެއާ އެ އިމާރާތެއް ހަދަން ދާ ހަރަދެއް އެއީ ނެޝަނަލް ސެކިއުރިޓީއަކަށް ނުވާނެ. އެ އިމާރާތުގައި ބަޑި ގުދަން އިނީ ކޮން ލޮކޭޝަނެއްގައިތޯ އެއީ ނެޝަނަލް ސެކިއުރިޓީ. އެކަމަކު އެ ވާހަކައެއް ނޫންތާ މި އަހަނީކީ،" އާހިދު ވިދާޅުވި އެވެ.
ކިރިޔާ ވެސް އެމްއެންޑީއެފް ނުވަތަ ޑިފެންސް މިނިސްޓްރީގެ ކަމެއް ނަމަ އެއީ ގައުމީ ސަލާމަތީ ކަމެކޭ ބުނުމަށް ފަހު މައުލޫމާތު ހާމަ ނުކޮށް ނުތިބެވޭނެ ކަމަށް އާހިދު ވިދާޅުވި އެވެ. ގައުމީ ސަލާމަތީކަމެއް ވެއްޖެ ނަމަ ސަބަބު ވަރަށް ރަނގަޅަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް އާހިދު ވިދާޅުވި އެވެ.
ގައުމީ ސަލާމަތާ ބެހޭ މައުލޫމާތުތަކެއް ކަމަށް ނުވަތަ އަވަށްޓެރި ގައުމަކާ އޮންނަ ގުޅުމަށް ބުރޫ އަރާނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ، އިންޑިޔާއާއެއްކޮށް ހަދާފައި ހުރި އެއްބަސްވުންތަކެއް ހާމަކުރަން ދެކޮޅު ހަދައިފަ އެވެ. އެ މައްސަލަތައް އިންފޮމޭޝަން ކޮމިޝަނާ އޮފީހަށް ގެންގޮސްގެން ވެސް އެ ކޮމިޝަނުން ވެސް މީގެ ކުރިން ވަނީ އެއީ ހާމަ ކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް ނިންމައިފަ އެވެ.
ނަމަވެސް އާހިދު ވިދާޅުވީ ކުރިން ނިންމާފައި ހުރި ވަކިވަކި ކޭސްތަކަށް އޭނާ އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އޭނާ ބަލާނީ އެގޮތަށް ކަމަށާއި މުޅި އެއްބަސްވުން ނުދީ ހިފަހައްޓާ ނަމަ ބޮޑު ސަަބަބެއް އެ އިދާރާއަކުން ދައްކަން ޖެހޭނެ ކަމަށް އާހިދު ވިދާޅުވި އެވެ.