އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
އަޒީޒް އެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފާސްކުރީ މިދިޔަ މަހު އެވެ. ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި މިހާތަނަށް ހުންނެވި އަޒީޒަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އައްޔަންކުރި ފުރަތަމަ އިންފޮމޭޝަން ކަމިޝަނަރު ވެސް މެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ހަމަވެގެން އޭނާ މަގާމުން ވަކިވެވަޑައިގަތީ ޖުލައި، 2019 ގަ އެވެ. އޭނާއަކީ އޭގެކުރިން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި ދިވެހި ބަހުގެ އެކަޑަމީގައި މަސައްކަތް ކުރައްވައި، ބަހާ ބެހޭ ބައެއް ފޮތްތައް ވެސް އޭނާ ވަނީ ލިޔުއްވައިފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އެންމެފަހުން ހުންނެވި އަހުމަދު އާހިދު ރަޝީދު ފަސް އަހަރުގެ ދައުރު ވަނީ ހަމަވެފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ.