އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދުގެ މަގާމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހު ހަމަވާތީ، އެ މަގާމަށް އައްޔަން ކުރަން ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ. 

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް އިއްވުމަށް ފަހު، އެ މައްސަލަ ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން އަބްދުލްއަޒީޒްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ނަމަވެސް އެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ހުށަހެޅި މީހުންގެ އަދަދެއް ނުބުނެ އެވެ. 

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި މިހާރު ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އައްޔަން ކުރި ފުރަތަމަ އިންފޮމޭޝަން ކަމިޝަނަރު ވެސް މެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ހަމަވެގެން އޭނާ މަގާމުން ވަކިވެވަޑައިގަތީ ޖުލައި 22، 2019 ގަ އެވެ.

އަބްދުލްއަޒީޒަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ދިވެހި ބަހާ ބެހޭ އެކަޑަމީގައި މަސައްކަތް ކުރައްވައި ބަހާ ބެހޭ ބައެއް ފޮތްތައް ވެސް ވަނީ ލިޔުއްވައިފަ އެވެ. 

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އާހިދު އެ މަގާމަށް އައްޔަންކުރީ ސެޕްޓެމްބަރު 6، 2021ގަ އެވެ. 

އެ މަގާމުގައި އާހިދުގެ ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ މަހުގެ ހަ ވަނަ ދުވަހަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ޖުލައި 13، 2014 ގައި އުފައްދަވާފައިވާ އޮފީހެކެވެ.