އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
އަޒީޒް އެމަގާމަށް އައްޔަންކުރަން ރުހުންދޭން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓުދެއްވައިގެންނެވެ. އޭނާ އަށް ރުހުންދޭން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރެކެވެ.
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި މިހާރު ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އައްޔަން ކުރި ފުރަތަމަ އިންފޮމޭޝަން ކަމިޝަނަރު ވެސް މެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ހަމަވެގެން އޭނާ މަގާމުން ވަކިވެވަޑައިގަތީ ޖުލައި 22، 2019 ގަ އެވެ.
އަބްދުލްއަޒީޒަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ދިވެހި ބަހާ ބެހޭ އެކަޑަމީގައި މަސައްކަތް ކުރައްވައި ބަހާ ބެހޭ ބައެއް ފޮތްތައް ވެސް ވަނީ ލިޔުއްވައިފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އާހިދު އެ މަގާމަށް އައްޔަންކުރީ ސެޕްޓެމްބަރު 6، 2021ގަ އެވެ.
އެ މަގާމުގައި އާހިދުގެ ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ މަހުގެ ހަ ވަނަ ދުވަހަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ޖުލައި 13، 2014 ގައި އުފައްދަވާފައިވާ އޮފީހެކެވެ.