މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނު ހެދުމުގެ މަސައްކަތުގައި ބޮޑު ދައުރެއް އަދާކުރެއްވި ކަމަށާއި އިންފޮމޭޝަން ކޮމިޝަނަރަކަށް ކުރިން ހުންނެވި އިރު މަސައްކަތް ކުރައްވާފައި ވާނީ "ގާނޫނުގެ ނިޔަތާ އެއްގޮތަށް" ކަމަށް އެ މަގާމަށް އަލުން އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކަށް މިހާރު ހުންނެވި އަހުމަދު އާހިދު ރަޝީދުގެ މަގާމުގެ މުއްދަތު އަންނަ މަހު ހަމަވާތީ، އެ މަގާމަށް އައްޔަންކުރަން އަޒީޒްގެ ނަން ރައީސް މުއިއްޒު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ. އެ މަގާމަށް އަޒީޒް އައްޔަންކުރަން މަޖިލީހުން ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާއާ މިއަދު އިންޓަވިއު ކުރި އެވެ.

އެ އިންޓަވިއުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަޒީޒް ވިދާޅުވީ  މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ގަބޫލު ކުރައްވާ ހައްގެއް ކަމަށާއި އޭނާއަކީ އެ ގާނޫނު ހަދަން ބާރު އެޅުއްވި ބޭފުޅެއް ކަމަށެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އުފައްދައި، އެ މަގާމަށް ފުރަތަމަ އައްޔަންކުރި ބޭފުޅަކީ އަޒީޒެވެ.

"އަޅުގަނޑުގެ ދައުރުގައި އެކަމަށް [ރައްޔިތުންނަށް މައުލޫމާތު ހޯދައިދޭން] ކުރި މަސައްކަތަކީ ޕަބްލިސައިޒް ކޮށްގެން ކުރި ކަމެއް ނޫން. އަޅުގަނޑުގެ މަސައްކަތް ބިނާވެފައި ވަނީ ގާނޫނުގެ ނިޔަތުގެ މައްޗަށް އިނގޭތޯ. ގާނޫނުން ފެންނަ ދެލިގަނޑުގެ މައްޗަކަށް ނޫން. ނިޔަތަކީ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ހޯދައިދިނުން،" އަޒީޒް ވިދާޅުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިރު ރައްޔިތުންނަށް މައުލޫމާތު ހޯދައިދިނުމުގެ މަސައްކަތް އޮންނާނީ ކުރައްވާފައި ކަމަށާއި އެދުނު މައުލޫމާތު ނުދިނޭ ބުނާކަށް އެއްވެސް މީހަކަށް ނުކެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

މައުލޫމާތު ހޯއްދައިދެއްވަން މަސައްކަތް ކުރައްވާފައި ވާނީ ޑިޕްލޮމަސީ ބޭނުންކުރައްވައިގެން ކަމަށާއި ދައުރުގެ ފަހުކޮޅު އަޑުއެހުމެއް ބޭއްވީ އިލެކްޝަންސް ކޮމިޝަނުން ހޯދަން މީހަކު އެދުނު މައުލޫމާތެއް ނުދީގެން، އެ ނޫން އެހެން ގޮތެއް ނެތިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން ވާގޮތަކީ އެއްކަލަ، ޕަބްލިސައިޒްކުރަން ވެގެން، ހަމަ މައްސަލައެއް ހުށަހެޅޭ އިރަށް ޕަބްލިކް ހިއަރިން އެއް ބާއްވަނީ. އެއްގޮތަކަށް ވެސް ނުލިބިއްޖެއްޔާ ނޫނީ އަަޅުގަނޑު އަދިވެސް ނުބާއްވާނަން އިނގޭތޯ،" އަޒީޒް ވިދާޅުވި އެވެ. 

މެންބަރު މީކާއީލްގެ ސުވާލުގައި ވިދާޅުވީ އަޒީޒަކީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް ފާޑުކިޔާ މީހުން ބުނާ ކަމަށެވެ. މައުލޫމާތެއް ހޯއްދަވައި ދެއްވަން ޕަބްލިކް ހިއަރިންއެއް ބޭއްވީ ދައުރުގެ އެންމެ ފަހުކޮޅު ކަމަށް މީހުން ބުނާ ކަމަށް ވިދާޅުވެ، މީކާއީލް އެއްސެވީ އެކަންކަމާ މެދު މިހާރު ވިދާޅުވާނީ ކީކޭތޯ އެވެ. އާރްޓީއައިއާ ބެހޭ ގޮތުން އަޒީޒްގެ ހިޔާލަކީ ކޮބައިތޯ ވެސް މީކާއީލް އެއްސެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

އިނފޮމޭޝަން ކޮމިޝަނަރަކަށް އަޒީޒް ހުންނެވި އިރު އާރްޓީއައި ހުށަހަޅަން ފުރަތަމަ ހެދި ފޯމު އޮތީ އެކަމަށް އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް މީހުން ބުނާ ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.

އެ ސުވާލުތަކާއި ތުހުމަތުތަކަށް ޖަވާބު ދެއްވަމުން އަޒީޒް ވިދާޅުވީ މަގާމުގައި ކުރިން ހުންނެވި އިރު މަސައްކަތް ކުރެއްވީ ޑިޕްލޮމަސީ ބޭނުން ކުރައްވައިގެން މައުލޫމާތު ހޯއްދަވައި ދެއްވަން ކަމަށާއި އެ ގާނޫނުގެ މަގުސަދަކީ ބާރުގެ ބޭނުންކުރުން ނޫން ކަމަށެވެ. 

"ރައްޔިތުންނަށް މައުލޫމާތު ހޯދައިދިނުންކަން އަޅުގަނޑަށް އެނގޭ ގާނޫގެ މަގުސަދަކީ،" ދިފާއުގައި އަޒީޒް ވިދާޅުވި އެވެ.